އިންސާނާ އޭނާގެ އަމިއްލަ ނަފްސަށް ގެއްލުންވާނެ އެއްވެސްކަމެއް ކުރުމަކީ ކޮށްގެންވާނެކަމެއް ނޫން ކަމަށް ޑރ. އަނާރާ ނަޢީމު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ”ހަށިގަނޑާއި ފުރާނައަކީ އަމިއްލަ މިލްކެއް ނޫން” މި މައުޟޫޢަށް ބޭއްވި އިޙްޔާ ފޯރަމް ގައި ވާހަކަ ދައްކަވަމުންނެވެ.
ދުނިޔޭގައި ހަދާފައިވާ ދިރާސާތަކަށް ބައްލަވާލައްވަމުން ޑރ. އަނާރާ ވިދާޅުވީ މީހުން މަރުވާ ރޭޓަށް ބަލާއިރު ދުނިޔޭގައި ހަތަރު ވަނައަށް އެންމެ ގިނަ ޒުވާނުން މަރުވަނީ އަމިއްލައަށް ކަމަށެވެ. އެއީ ވަރަށް ބޮޑުފާފައެއްކަމަށާއި މާތްﷲ ދެއްވާފައިވާ ވަރަށް ބޮޑު ނިޢުމަތަކަށް ފުރަގަސްދެވެނީކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އަމިއްލައަށް މަރުވުމަކީ ޙަރާމްކަމެއްކަމަށް ވެސް ޑރ. އަނާރާ އިންސާނާގެ ނަފްސު ލައްވާފައިވަނީ ތަފާތު އިޙްސާސްތަކާއިއެކުގައި ކަމަށާއި މި އިޙްސާސްތައް ކޮންޓްރޯލްކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. އެގޮތުން ނަފްސާނީ ޢިލްމުވެރިންނާއި މިފަދަ ފަރާތްތަކުގެ އެހީތެރިކަން އެފަދަ ޙާލަތްތަކުގައި ހޯދޭނެ ކަމަށާއި އިސްލާމްދީނުގައި ތިމާގެ ނަފްސު ކޮންޓްރޯލްކުރުމަށް އަންގަވާފައިވާކަމަށް ވިދާޅުވިއެވެ.
ޑރ. އަނާރާ ވިދާޅުވީ އިންސާނާ އުފެދިފައިވަނީ މައިގަނޑު ތިން ބަޔަކަށް ކަމަށާއި އެއީ ޖިސްމާއި، ރޫޙާއި، ނަފްސުކަމަށެވެ. އިންސާނާގެ ނަފްސާއިބެހޭ ގޮތުން ހިއްސާކުރައްވަމުން ވިދާޅުވީ ކޮންމެ ނަފްސަކަށް ވެސް ހެޔޮގޮތާއި ނުބައިގޮތް އެނގޭ ކަމަށާއި ހެޔޮގޮތަށާއި ނުބައި ގޮތަށް އުޅެނީ އެ އިންސާނާ އަމިއްލައަށް އެނގިހުރެކަމަށެވެ.
އިންސާނުންނަށް އޮތީ ނަފްސު ޠާހިރުކުރުން ކަމަށާއި އެއީ އެގޮތަށް ކަންކުރުމުން އެ އިންސާނާ ބާއްޖަވެރިންގެ ތެރޭގައި ހިމެނޭތީ ކަމަށް ވެސް ޑރ. އަނާރާ ވިދާޅުވިއެވެ.
ނަފްސަށް އަޅާލާ އޯގާތެރިވުން އެއީ ކޮންމެ މީހެއްގެ މައްޗަށް ވާޖިބެއްކަން ބަޔާންކުރައްވަމުން ޑރ. އަނާރާ ވިދާޅުވީ ނަފްސަށް އަޅާލުމަށާއި ނަފްސަށް އަޅާލުމުގެ މުހިންމުކަމާ ބެހޭ ގޮތުން، ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާއިރު، ސުންނަތުން ވެސް މިކަން ސާފުކޮށް އެނގެން އެބައޮތްކަމަށެވެ. އަދި ޢިލްމުވެރިން ވެސް އެތައް ފޮތެއް މިކަމާ ގުޅޭގޮތުން ލިޔުއްވާފައިވާ ކަމަށެވެ.