English Edition
Dhivehi Edition

2003 ވަނަ އަހަރު އާއްމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ޖެއްސީ ޖެއިސީ ކޯއީ ނެހީގެ ބަތަލާ މޯނާ ސިންގް ، އޭނާ އެ ޑްރާމާގައި ކުޅުނު ޖެއިސީގެ ރޯލް މިހާރު ހަދާންވެސް ނެތްކަމަށާއި ދުވަހަކުވެސް ފަހަތަށް ބެލުމެއް ނެތި ކުރިއަށް ދިއުމަކީ އޭނާގެ އަޒުމްކަމުގައި ބުނެފިއެވެ. ޕޫނާއިން މުމްބައި އަށް ޖެއިސީ ކުޅުމަށްޓަކައި ދިރިއުޅުން ބަދަލު ކުރި މޯނާ 14 އަހަރު ފަހުން ޖެއިސީގެ ވާހަކަ، އޭނާގެ ހަޔާތްބަދަލުކޮށްލި ގޮތާ ބެހޭ ގޮތުން ވާހަކަދައްކަމުން ބުނެފައިވަނީ އެ ޑްރާމާއަށް ފަހު އޭނާގެ ދިރިއުޅުމުގައި ދުވަހަކުވެސް ހީކޮށްފައިނެތްފަދަ ކާމިޔާބީތަކެއް ލިބިފައިވާ ކަމަށެވެ. އެ ޝޯގައި ހިގާ ދިޔަ ގިނަކަންތައްތައް ދުވަސްވުމުގެ ސަބަބުން މިހާރު ހަދާންވެސް ނެތްކަމަށާއި އެކަމަކު އެއީ އޭނާގެ ކެރިއަރުގައި ވަރަށް މުހިއްމު ރޯލެއް ކުޅެފައިވާ ޑްރާމާއެއްކަމަށް މޯނާވަނީ ބުނެފައެވެ. މުމްބައީއަށް ދިރިއުޅުން ބަދަލުކުރިއިރު އެތަނުގައި އޭނާގެ އެއްވެސް މީހަކު ނެތްކަމަށާއި އެހެން ނަމަވެސް މިހާރު މުމްބައީއަކީ އޭނާއަށް ވަރަށް ހާއްސަ ތަނެއްކަމަށް މޯނާވަނީ ބުނެފައެވެ.” މުމްބާއީއަށް ބަދަލުވިއިރު އެގެނީ ޖެއިސީގެ ޕްރޮޑިއުސަރު ދިޔާ ސިންގް އާއި ޓޯނީ ސިންގް އެކަނި. އެކަމަކު މިހާރު އަހަންނަށް މިތަނުގެ ހުރިހާ ކަމެއް އިގޭ. އިންޑަސްޓްރީގެ ގިނަ ކަންތައްތައް ދަސްވެ ގިނަ މީހުންނާއި ރަހްމަތްތެރިކަން އުފެދިއްޖެ. އަހަރެން ކުރި މަސައްކަތް މީހުން ބަލައިގެންފި. “މޯނާ އުފަލާއެކު ބުންޏެވެ. މީގެ އިތުރުން އޭނާ ބުނެފައިވަނީ އޭނާ ކުރާ ކޮންމެ މަސައްކަތެއްވެސް ކުރަމުންދަނީ މަސައްކަތަށް ވަރަށް ސަމާލުކަންދީގެން ކުރާ ހިތުން ކަމުގައެވެ. ވަރަށް އަވަހަށް މޯނާގެ މައިންބަފައިންވެސް މުމްބާއީއަށް ބަދަލުވުމަށް ހަމަޖެހިފައިވާ އިރު އެމީހުންނަށް މުމްބާއީ ވަރަށް ކަމުދާނެކަމަށާއި މީ އެމީހުން ދުވަހަކުވެސް އުއްމީދުކޮށްފައި ނުވާފަދަ ހަދިޔާއަކަށް ވާނެކަމަށް މޯނާވަނީ ބުނެފައެވެ. 03 އަހަރު ދުވަސްވަންދެން ޖެއްސީ ޖެއިސީ ކޯއީ ނެހީގައި، ޖެއްސީގެ ރޯލް ކުޅެފައިވާ މޯނާ އޭގެ ފަހުންވެސް ވަނީ މަޝްހޫރު އެތައް ޑްރާމެއް ކުޅެފައެވެ. މިގޮތުން ކިޔާ ހުވާ ތޭރަވާދާ، އިތްނާ ކަރޯނާ މުޖޭ ޕިޔާރް، ޕިޔާރްކޯ ހޯ ޖާނޭދޫ އަކީ އާއްމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ޑްރާމާތަކެވެ. މިހާތަނަށް 03 ރިއަލެޓީ ޝޯގައި ބައިވެރިވެ 09 ރިއަލިޓީ ޝޯ ހުށަހަޅައިދީފައިވާ މޯނާ ވަނީ 2009 ވަނަ އަހަރު ނިކުތް ބޮލީވުޑްގެ ކާމިޔާބު ފިލްމް ތްރީ އިޑިއަޓްސްގައިވެސް މުހިއްމު ރޯލެއް އަދާކޮށްފައެވެ.