އައްޑޫ ސިޓީ ހިތަދޫ އާއި ފުވައްމުލައް ސިޓީގައި 400 ފްލެޓު އަޅައިދޭނެ ބަޔަކު ހޯދަން އިޢުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިޢުލާނެެއްގައި ބުނެފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ފުވައްމުލަކުގައި 200 އަދި އައްޑޫ ހިތަދޫގައި 200 ހައުސިންގ ޔުނިޓް އަޅަން ބޭނުންވާ ކަމަށެވެ.
އެކަމަށް ޝައުގުވެރިވާ ނަމަ، ބިޑް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިންގ މިނިސްޓްރީގެ “އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު” ގައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް ބުނެފައިވެއެވެ.
އެ ކަމަށް ޝަރުތުހަމާ ފަރާތެއް ހޯދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުގެ ދަށުން ކަމަށާއި އެ ދެ ބީލަމުގައި ބައިވެރިވާން ވެސް 500ރ. ގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީގެ އިޢުލާނުގައި ބުނެފައިވެއެވެ.
އެ މިނިސްޓްރީގެ އިޢުލާނުގައިވާގޮތުން ފުވައްމުލަކުގައި އަޅާ 200 ހައުސިންގ ޔުނިޓްގެ ބީލަމުގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ ބަލައިގަންނާނީ މިމަހުގެ 27 އިން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި އައްޑޫ ހައުސިންގ ޔުނިޓް މަޝްރޫއުގެ ފައިސާ ބަލައިގަންނާނީ މިމަހުގެ 27 އިން އަންނަ މަހުގެ 19 އަށް ކަމަށެވެ. އަދި އެ ފައިސާ ބަލައިގަންނާނީ ސަރުކާރު އޮފީސްތައް ހުޅުވާފައި ހުންނަ ގަޑިތަކުގައި މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް ބުންޏެވެ.
އެ ދެ މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 1،020،000 ރުފިޔާ ކަނޑައަޅާފައިވާއިރު ބިޑް ސެކިއުރިޓީގެ މުއްދަތަކީ ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
ފުވައްމުލަކުގައި މަޝްރޫއު ހިންގަން ޝައުގުވެރިވާ ފަރާތްތަކުގެ ބިޑް ހުޅުވުން އޮންނާނީ 17 އޭޕްރީލްވާ އާދިއްތަ ދުވަހުގެ 11:00 ގައި ކަމަށާއި އައްޑޫ މަޝްރޫޢުގެ ބިޑް ހުޅުވުން އޮތީ އަންނަ މަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގައި ކަމަށް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ވަނީ ބުނެފައެވެ.