English Edition
Dhivehi Edition

މި އަހަރުގެ މުދަލުޒަކާތް މިއަދު ބަހަން ފަށައިފި ކަމަށް އިސްލާމިކް މިނިސްޓްރީ ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ވިދާޅުވީ މިއަހަރުގެ ޒަކާތް ބަހަނީ ބޮލަކަށް 900 ރުފިޔާގެ މަގުން ކަމަށެވެ. މުދަލު ޒަކާތް ބަހަން ފަށާފައިވަނީ މިއަދު ހެނދުނު 9:00 ގައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ މާލެއާއި ވިލިމާލެއާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ޒަކާތް ބެހުން ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 3:00 އަށް އިސްލާމީ މަރުކަޒުގައެވެ.

މިނިސްޓްރީން ވިދާޅުވީ މާލެ ސަރަހައްދެކޭ އެއްގޮތަށް މިއަދުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކުންވެސް މުދަލު ޒަކާތް ބަހާނެކަމަށެވެ.
މުދަލު ޒަކާތް ބަހަމުން ގެންދާނީ ފިތުރު ޒަކާތް ބެހުމަށް އެކުލަވާލި ލިސްޓާ އެއްގޮތަށެވެ. އެ ލިސްޓްގައިވާ ގޮތުން މިއަހަރު ފަގީރުންގެ ގޮތުގައި 16229 މީހުން ލިސްޓް ކޮށްފައިވެއެވެ. އޭގެތެރޭގައި މާލެއިން 3138 މީހުންނާއި، އަތޮޅުތަކުން 13091 މީހުން ހިމެނެއެވެ.

މިދިޔަ އަހަރުވެސް މުދަލުގެ ޒަކާތް ބަހައިފައިވަނީ ބޮލަކަށް 900 ރުފިޔާގެ މަގުންނެވެ. މިއަހަރު މުދަލު ޒަކާތް ބެހުން ލަސްވެގެން ދިޔައީ ފަގީރުންގެ ލިސްޓް އެކުލަވާލުމަށް ދިމާވި ކަމެއްގެ ސަބަބުން ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.