ކެއަރ ސޮސައިޓީން ކުރާ ކޮންމެ މަސައްކަތަކަށް އެންމެ ބޮޑަށް އެއްބާރުލުން ލިބެނީ ދިރާގުގެ ފަރާތުން ކަމަށް ކެއަރ ސޮސައިޓީގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އެ ސޮސައިޓީގެ ވޮކޭޝަނަލް ޓްރޭނިންގ ޔުނިޓުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހިންގާ ޕްރޮގްރާމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާތީއެވެ.
ދިރާގަކީ އަބަދުވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ރަނގަޅުގޮތް ހޯދައިދިނުމަށް މަސައްކަތްކުރާ ކުންފުންޏެއް ކަމަށާއި ދިރާގާއި ކެއަރ ސޮސައިޓީ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ކުދިން މުޖުތަމައުގައި މިހާރަށްވުރެ ބޮޑަށް ބައިވެރިކުރުވައި އެކުދިންގެ ދައުރު މުޖުތަމައުގައި ބާރުގަދަކުރެވޭނެ ކަމަށް ވެސް އާތިފް ވިދާޅުވިއެވެ.
މީގެ އިތުރުން ދިރާގުން ވެދޭ އެހީތެރިކަމާއި އެއްބާރުލުމަށް އާތިފް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ދިރާގުގެ ޑައިރެކްޓަރ ކޯޕަރޭޓްސް އާތިފާ އަލީ ވިދާޅުވީ ދިރާގަކީ އަބަދު ވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިން މުޖުތަމައުގައި ބައިވެރިކުރުވުމަށް މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ. އަދި އެ ކުންފުނިން ބޭނުންވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަފާތުކުރުން ނައްތާލެވިފައިވާ މުޖުތަމައެއް ބިނާކުރަން ކަމަށެވެ.
އެކަން ކުރެވޭނީ ނުކުޅެދުންތެރިކަން ހުންނަ ކުދިން މުޖުތަމައުގައި ބައިވެރިކޮށްގެން ކަމަށާއި ކެއަރ ސޮސައިޓީން ނުކުޅެދުންތެރިކަން ހުންނަ ކުދިން މުޖުތަމައުގައި ބައިވެރިކުރުވުމަށް ކުރިއަށްގެންދާ ޕްރޮގްރާމުތައް ފާހަގަކުރައްވައި، އާތީފާ ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްގެން ކެއަރ ސޮސައިޓީން ކުރިއަށްގެންދާ ޕްރޮގްރާމުގައި އާޓް އެންޑް ކްރާފްޓް ދަސްކޮށްދިނުމާއި ފަހަން ދަސްކޮށްދޭ ކޯސް އަދި ބޭސިކް ކޮމްޕިއުޓަރ ސްކިލްސް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެ ސޮސައިޓީން ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެފަދަ ޕްރޮގްރާމުތަކެއް މިދިޔަ އަހަރު ވެސް ހިންގާފައެވެ. އެފަހަރު 12 ކުއްޖަކު ވަނީ އެ ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.
ކެއަރ ސޮސައިޓީން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ވޮކޭޝަނަލް ޓްރޭނިންގ ޔުނިޓެއް ގާއިމުކުރީ 2018 ވަނަ އަހަރުއެވެ. އެ އަހަރުން ފެށިގެން ދިރާގުން އަންނަނީ ހުއްޓުމެއްނެތި އެ ޕްރޮގްރާމުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.