English Edition
Dhivehi Edition
24 ފެބުރުވަރީ 2020ގައި ޖަޕާނުން ހަދިޔާކުރި އަލިފާން ނިއްވަން ބޭނުންކުރާ ވެހިކަލަކާއި ބައެއް އިތުރު އާލާތްތަށް އެމްއެންޑީއެފާ ހަވާލުކުރުން - ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރިއަށްގެންދާ “ފަޔަރ ޕްރިވެންޝަން ވީކް 2022″، މާދަމާ ފެށުމަށް ނިންމައިފިއެވެ.

މިއީ އަލިފާނުގެ ހާދިސާތަކަށް ހޭލުންތެރިކުރުވުމަށް ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ކުރިއަށް ގެންދާ ހަރަކާތެކެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހިންގާ މި ޕްރޮގްރާމަކީ އަލިފާނުގެ ނުރައްކަލުން އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ޢާއްމު ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ މެސެޖުތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ކޮންމެ އަހަރަކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ހަރަކާތް ރާވާލާފައިވަނީ މީހުން އެންމެ ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކާއި ގޭބިސީތައް ގިނަ ސަރަހައްދުތަކަށް އަމާޒުކޮށްގެންނެވެ. މިގޮތުން، “ކިޗަން ސިމިއުލޭޓަރ” އެއްގެ އެހީގައި ‘އޮން ލޮކޭޝަން’ ގައި ސްޓޭންޑެއް ބަހައްޓައިގެން އެ ސަރަޙައްދެއްގައި އެފްއާރުއެސްގެ ސިފައިން މަޢުލޫމާތު ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުންދާނެއެވެ.

ރަމަޟާން މަހާ ގާތްކޮށް، މި ހަރަކާތް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ރަމަޟާން މަހަކީ އަލިފާނުގެ ހާދިސާތައް ހިނގުން ނިސްބަތުން ގިނަ މަހެއްކަމަށް ފާހަގަ ކުރެވޭތީވެ، މިފަދަ ހަރަކާތެއްގެ ތެރެއިން ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖުތައް ފޯރުކޮށްދީ ހޭލުންތެރި ކުރުވުމެވެ.

މި ޕްރޮގްރާމްގައި އާންމު ރައްޔިތުންގެ ކޮންމެ މީހަކަށް ވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މާރިޗު 19 އިން 24 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު މާލެ ސިޓީގެ ރަސްފަންނު ސަރަހައްދުންނެވެ. އަދި ވިލިމާލޭ، ހުޅުމާލޭ ފޭސް 1، ހުޅުމާލެ ފޭސް 2 އަދި ތިލަފުށީގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ހަމައެހެންމެ އެމްއެންޑީއެފް އޭރިއާތަކުގައި ޤާއިމުކޮށްފައިވާ ފަޔަރ ސްޓޭޝަންތަކުގައި ވެސް މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ޓީވީ އަދި ރޭޑިއޯ މެދުވެރިކޮށް ވެސް އަލިފާނުގެ ހާދިސާތަކުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މާލޭގެ ރަސްފަންނު ސަރަހައްދުގައި މާރިޗު 19 ވަނަ ދުވަހު މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވާއިރު، މާރިޗު 21 ވަނަ ދުވަހު މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައި ވަނީ ވިލިމާލޭ، ފެރީ ޓާމިނަލް ސަރަހައްދުގައެވެ.

މާރިޗު 22 ވަނަ ދުވަހު ތިލަފުށީގެ ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ހިންގުމަށް ހަމަޖެހިފައިވާއިރު، މާރިޗު 23 ވަނަ ދުވަހު މަސްވެރިންނަށް އަމާޒުކޮށްގެން ހުޅުމާލޭ ފޭސް 1 ގެ މަސްމާރުކޭޓް ސަރަހައްދުގައި މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވެއެވެ. އަދި މާރިޗު 24 ވަނަ ދުވަހު ހުޅުމާލޭ ފޭސް 2 ގެ ހިޔާފުލެޓް ސަރަހައްދުގައި ވެސް މި ޕްރޮގްރާމް ކުރިއަށްގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

އެފްއާރުއެސްއިން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ފަޔަރ ޕްރިވެންޝަން ވީކަކީ އަލިފާނުގެ ނުރައްކަލަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ކުރިން ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަރާތުން ކުރިއަށް ގެންދާ ޚާއްޞަ ހަރަކާތެކެވެ.

2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގައި ވެސް ދަނީ މި ހަރަކާތް ބާއްވަމުންނެވެ. މި ހަރަކާތް އެންމެ ފުރަތަމަ އަމާޒު ކުރެވެމުން އައީ ގްރޭޓަރ މާލެ އޭރިއާއަށް ނަމަވެސް ފަހުން މި ހަރަކާތް އިތުރަށް ފުޅާކޮށް، މާލޭ އޭރިއާގެ ބައެއް ރަށްތަކާއި އޭރިއާތަކުގައި ޤާއިމުކޮށްފައިވާ ފަޔަރ ސްޓޭޝަންތައް މެދުވެރިކޮށް އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވެސް ކުރިއަށް ގެންދެވިފައިވެއެވެ.