English Edition
Dhivehi Edition

މެންޗެސްޓާ ޔުނައިޓެޑްގެ މާކަސް ރަޝްފޯޑާއި ޖާޑޮން ސަންޗޯ އިންގްލެންޑް ސްކޮޑުން ބާކީކޮށްފިއެވެ.

ރަޝްފޯޑާއި ސަންޗޯ ބާކީ ކުރި އިރު، ކްރިސްޓަލް ޕެލަސްގެ ސެންޓާ ބެކް މާކް ގުއެހީ އަށް ވަނީ އިންގްލެންޑް ސްކޮޑުން ފުރުސަތު ދީފައެވެ. މިއީ ގުއެހީ އަށް އިންގްލެންޑް ގައުމީ ސްކޮޑުން ފުރުސަތު ދިން ފުރަތަމަ ފަހަރެވެ.

މި މަހުގެ 26 ވަނަ ދުވަހު ސްވިޒަލެންޑާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި މިމަހުގެ 29 ވަނަ ދުވަހު އައިވަރީ ކޯސްޓާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ނެގި 25 ކުޅުންތެރިންގެ ސްކޮޑުން ރަޝްފޯޑް އަދި ސަންޗޯ ބާކީ ކުރީ ފަހަކަށް އައިސް މި ދެކުޅުންތެރިންގެ ފޯމު ވަރަށް ބޮޑަށް ދައްވެފައި ވުމުގެ ސަބަބުންނެވެ.

ރަޝްފޯޑާއި ސަންޗޯގެ އިތުރުން މެންޗެސްޓާ ސިޓީގެ ކައިލް ވޯކާ ވެސް ވަނީ ސްކޮޑުން ބާކީކޮށްފައެވެ. ނަމަވެސް އިންގްލެންޑް ކޯޗު ގެރެތު ސައުތުގޭޓް ބުނެފައިވަނީ އެކުވެރިކަމުގެ ދެ މެޗަށް ނެގި ސްކޮޑުން ވޯކާ ބާކީ ކުރިނަމަވެސް އަންނަ ޖޫން މަހު ވޯކާ އެނބުރި ގައުމީޓީމާއި ގުޅޭނެ ކަމަށެވެ.

ރަޝްފޯޑާއި ބެހޭގޮތުން ވާހަކަ ދައްކަމުން ސައުތް ގޭޓް ބުނީ ރަޝް ފޯޑް މިވަގުތު ހުރީ އޭނާގެ އެންމެ ރަނގަޅު ފޯމުގައި ނޫން ކަމަށާއި ފޯމް ރަނގަޅު ވުމުން ރަޝްފޯޑަށް ސްކޮޑުން ފުރުސަތު ދޭނެކަމަށެވެ. އަދި ސަންޗޯއާއި ބެހޭ ގޮތުން އޭނާ ބުނީ ސަންޗޯގެ މިހާރުގެ ފޯމަށް ބަލާއިރު، މާ ރަނގަޅު ނޫން ކަމަށާއި އޭނާއަށް ވުރެ ފޯމް ރަނގަޅު ކުޅުންތެރިން ތިބުމުން ސަންޗޯ ބާކީ ކުރީކަމަށެވެ.

އެންމެ ފަހުން އެކުލަވާލި އިނގްލެންޑް ސްކޮޑަށް މިފަހަރު އަލަށް ނެގި ކުޅުންތެރިންނަކީ ނިކް ޕޯޕް، ގުއެހީ، ޖޭމްސް ވާޑް-ޕްރޯސޭ، ކޯނަރ ގަލަގަރ، ސްމިތް ރޮއު އަދި އަބްރަހަމް އެވެ.