English Edition
Dhivehi Edition

އުރީދޫ މަސްރޭހުގެ 11 ވަނަ ސީޒަންގައި ބައިވެރިވުމުގެ ފުރުސަތު މިއަދު، އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ.

މި އިވެންޓުގައި ބައިވެރިވެވޭނީ އުރީދޫ މޯލްޑިވްސްގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހު އުރީދޫ މޯލްޑިވްސް އިން ބާއްވާ މި މުބާރާތަށް ބޮޑު ތަރުހީބެއްލިބި ދިވެހިންގެ ރޯދަމަހުގެ ބަޔަކަށްވެފައިވާ އިރު، މިއީ ރައްޓެހިންނާއި ޢާއިލާ މެންބަރުން އަދި އޮފީސްތަކުގައި އެއްކޮށް މަސައްކަތްކުރާ ރައްޓެހިންނާއިއެކު ޓީމު ހަދައިގެން އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

މުޅި ރޯދަމަހަށް ބަހާލެވިގެން ކުރިޔަށް ގެންދާ މި މުބާރާތަކީ އާއްމުކޮށް ފަރު މަސް ބާނާ މުބާރާތެކެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވީ ކޮވިޑާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މަސްރޭހުގެ 11 ވަނަ ސީޒަން އިއުލާން ކުރީ ނުހަނު އުފަލާއެކު ކަމަށާއި ކަސްޓަމަރުންނާއި މަސްބޭނުމަށް ޝައުގުވެރިވާ ފަރާތްތަކާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ މަގްސަދުގައި ކަމަށެވެ.

“މަސްރޭސް މިވަނީ ރައްޓެހިންނާއި އާއިލާ އަދި އެކުގައި މަސައްކަތް ކުރާ ބޭފުޅުންނާއެކު ރަމަޟާން މަހުގެ ތެރޭގައި ގުޅުންބަދަހިކޮށް ރަގަޅު ވަގުތުތަކެއް ހޭދަކުރުމުގެ ގޮތުން ކުރެވިދާނެ ކަމަކަށްވެފަ. މަސްރޭހުގައި ބައިވެރިވުމަށް އަބަދުވެސް އަޅުގަނޑުމެންނަށް ރިކުއެސްޓް ލިބޭ. އެހެންކަމުން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ރައްކާތެރި މާހައުލެއްގައި އުރީދޫ މަސްރޭސް 2022 ބޭއްވޭކަމީ އަޅުގަނޑުމެން ވަރަށް އުފާކުރާކަމެއް.” ނިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މަސްވެރިކަމަކީ އެންމެ ކުރީއްސުރެ ދިވެހިންގެ ސަގާފަތުގެ ވަރަށް ބޮޑު ބައެއް ކަމަށާއި އެހެންކަމުން ހުރިހާ ޒުވާނުން ވެސް މިސަގާފަތް ދިރުވާ، އާލާކޮށް ދެމެހެއްޓުމަށް މަސްރޭހުގެ މިފޯރީގައި ބައިވެރިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ވޭތުވެދިޔަ އަހަރުތަކާއި އެއްގޮތަށް، މިއަހަރުގެ މަސްރޭސް ކާމިޔާބުކުރާ ޓީމްތަކަށް ވެސް، އުރީދޫ އާއި މަސްރޭހުގެ ޕާޓްނަރުންގެ ފަރާތުން އަގުހުރި އިނާމްތަކެއްވަނީ ހުށަހަޅާފައެވެ. މިފަހަރު ހޮވޭ ވަނަތަކުގެ ތެރޭގައި ހިމެނެނީ:

  • އެއްވަނަ ހޯދާ ޓީމަށް 50،000 (ފަންސާސް ހާސް) ރުފިޔާ
  • އެންމެ ގިނަ މަސް ބޭނި “މުބާރާތުގެ މަސްވެރިޔާ” އަށް 5000 (ފަސް ހާސް) ރުފިޔާ އާއި ރަންކޯރި
  • އެންމެ ބަރުމަސް ބޭނި ފަރާތަށް 5000 (ފަސް ހާސް) ރުފިޔާ

އުރީދޫ މަސްރޭސް، ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތައް ފިޔަވައި، ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފަ ވަނީ 1 މޭ 2022 ގައެވެ. މަސްރޭސް އޮންނަ ދުވަސްތަކުގައި މަސް ބޭނުމުގެ ހަރަކާތްތަކަށް ފަހު އުސްފަސްގަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑުބެރުގެ އިތުރުން ވަނަތައް ކާމިޔާބު ކުރި ފަރާތްތަކަށް އިނާމް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫއިން ދައުވަތު އަރުވައެވެ.

ސަރުކާރު އޮފީސްތަކާ، ޕްރައިވެޓް ކުންފުނިތަކުން އަދި އާންމު ރައްޔިތުންވެސް ޓީމްތަށް އުފައްދައިގެން މަސްރޭހުގެ މި ފޯރިގަދަ ސީޒަންގައި ބައިވެރިވުމަށް އުރީދޫ މޯލްޑިވްސްއިން ދައުވަތު އަރުވައެވެ. މަސްރޭހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 23 މާރިޗް 2022 ގެ ކުރިން އުރީދޫ މޯލްޑިވްސް ވެބްސައިޓްގައިވާ ޕޯޓަލް މެދުވެރިކޮށް ރެޖިސްޓަރ ވެވޭނެއެވެ.

ރެޖިސްޓަރ ވުމަށް: https://www.ooredoo.mv/masrace