ރަމަޟާން މަހުގެކުރިން ބޫސްޓަރ ޑޯޒު ޖެހުމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭ އިން މިކަމަށް އިލްތިމާސް ކުރީ މިއަހަރުގެ ރޯދަ މަހު ވެކްސިން ޖަހައިދޭ ގަޑިތައް އާންމުކުރުމަށްފަހުއެވެ.
ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލުން، ރޯދަ މަހު ވެކްސިން ޖަހައިދޭނީ ރޭގަނޑު 9:00 އިން 11:00 އަށް ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
ރަމަޟާން މަހުގައި ކޮވިޑް-19 ގެ ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް. ރަމަޟާންމަހުގެ ކުރިން ޝަރުތު ހަމަވާ އެންމެހާ ފަރާތްތައް ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް އިލްތިމާސް ކުރަން pic.twitter.com/Ba0bnZGYi8
— Health Protection Agency (@HPA_MV) March 15, 2022
އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އާބާދީގެ 398،348 މީހުން މިހާރުވަނީ ކޮވިޑުގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. ދެވަނަ ޑޯޒު 371،439 މީހުން ޖަހާފައިވާއިރު، 143،477 މީހުން ބޫސްޓަރ ޑޯޒު ވަނީ ޖަހާފައެވެ.
ބޫސްޓަރ ޑޯޒުގެ ގޮތުގައި ފައިޒާ ވެކްސިން ރާއްޖޭގައި ޖަހަން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހުއެވެ. ފުރަތަމަ ޖަހައިދޭން ފެށީ 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުންނަށް އެކަންޏެވެ.
އެހެންނަމަވެސް ފަހުން ވަނީ 18 އަހަރުން މަތީގެ މީހުންނަށް ވެސް އެ ފުރުސަތު ހުޅުވާލާފައެވެ.