English Edition
Dhivehi Edition

12 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ފުވައްމުލައް ސިޓީގައި ޤުރުއާނާބެހޭ މަރުކަޒެއް ޢިމާރާތް ކުރަން ނިންމައި އެކަމުގެ ފަހުމުނާމައިގާ ސޮއި ކޮށްފިއެވެ.

ރައިސާ ޕްރައިވެޓް ލިމިޓަޑަށް ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގެ ފަހުމުނާމައިގާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ. އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެޗް.އާރް މެނޭޖަރ މުސްޠަފާ މުޙައްމަދުފުޅެވެ.

365 ދުވަސްތެރޭގައި ދެ ފަންގިފިލާއަށް ޢިމާރާތްކުރާގޮތަށް ހަމަޖެހިފައިވާ މިޢިމާރާތުގެ ގްރައުންޑް ފްލޯގައި އޮޑިޓޯރިމަކާއި ލައިބްރަރީއެއް އަދި މީޓިންގ ރޫމެއް ހަދަން ވަނީ ނިންމާފައެވެ. އަދި ފުރަތަމަ ފަންގިފިލާގައި ހަތަރު ކްލާސް ރޫމާއި ނަމާދު ކުރާނެ ތަނެއް ޢިމާރާތްކުރާއިރު، ނަމާދުކުރާ ޖާގައިގާ އެއްފަހަރާ 30 މީހުންނަށް ނަމާދުކުރެވޭނެއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ ފުވައްމުލައް ސިޓީގައި ޤުރުއާނާބެހޭ މަރުކަޒެއް ޢިމާރާތްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ހިންގުން އިތުރަށް ހަރުދަނާކޮށް، ކޯސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުންނެވެ.