މާސްކު އެޅުން މަޖުބޫރުވުން އުވާލައި ގިނަ ލުއިތަކެއް ދީފިއެވެ.
އެޗްޕީއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އާންމު ގަވާއިދުގެ ދަށުން ކުރިން މާސްކް އެޅުން މަޖުބޫރުވާ އުސޫލު އުވާލާ ކަމަށާއި އެހެންނަމަވެސް މާސްކް އެޅުން މަޖުބޫރުވާ ދެ ހާލަތަކާއި އިސްތިސްނާވާ ތަންތަން އެބަހުރި ކަމަށެވެ.
އެގޮތުން ބަލި ފެތުރޭ ރަށްރަށް (ޕޮޒިޓިވިޓީ ރޭޓް 20 ޕަސެންޓަށްވުރެ މަތި ކޮށް ހުންނަ ރަށްރަށް) އަދި ހުރިހާ ރަށެއްގެ ސިއްހީ ޚިދުމަތްދޭ ތަންތަނުގެ މާސް އެޅުން މަޖުބޫރުވާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ،
ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ ރާއްޖޭގައި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ގެނެސްފައިވާ އިސްލާހުތަކަކީި ރާއްޖޭން ބޭރުން އަންނަ ހުރިހާ ފަރާތްތަކާއި ރާއްޖޭގެ އެތެރޭގައި ވެސް އެއްވެސް ފަރާތަކަށް ދަތުރުކުރުމުގެ ބޭނުމުގައި ޕީ.ސީ.އާރ ޓެސްޓު ހަދަން ނުޖެހުމެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުން އަންނަ ރާއްޖޭގައި ދިރިއުޅޭ ފަރާތްތައް (ދިވެހިންނާއި ޓުއަރިސްޓުން ފިޔަވައި އެހެނިހެން ވިސާތަކުގައި ރާއްޖެއަށް އަންނަ ފަރާތްތައް) ރާއްޖެ އަންނަތާ 3 ދުވަހާއި 5 ދުވަހާދެމެދު ކޮވިޑް-19 އަށް ޓެސްޓުކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށާއި ރާއްޖޭން ބޭރުން އަންނަ ފަރާތްތަކުގެ ތެރެއިން ބަލީގެ އަލާމާތް ހުރިނަމަ އެންޓިޖަން ޓެސްޓް ހެދޭނެ ކަމަށް ބުނެފައިވެއެވެ.
ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑު-19 ގެ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައިނުވާ ފަރާތްތައް (ވެކްސިންގ ނުޖެހޭ އުމުރުގެ ކުޑަކުދިން ހިމެނޭގޮތަށް) ދަތުރުކުރުމާ ގުޅިގެން ކަރަންޓީނުވާން ނުޖެހުމާއި ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި މާސްކު އެޅުން މަޖުބޫރުވުން އުވާލައި ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކް އެޅުމަކީ އެދެވިގެންވާކަމެއްގެ ގޮތުގައި ހަމަޖެއްސުން ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން ބަލީގެ އަލާމާތް ހުންނަ ފަރާތްތަކާއި ބަލިޖެހުމުން ނުރައްކާ ވެދާނެ ފަރާތްތަކާއި މިފަދަ މީހުންނާއި އެކުގައި އުޅޭ މީހުންނާއި ގިނަ މީހުން އެއްތަންވާ ތަންތަނާއި ހާލަތްތަކުގައި ގިނަ މީހުން އެއްތަންވާގޮތަށް ޚިދުމަތްދޭ ތަންތަން ހިމެނޭގޮތަށް މާސްކު އެޅުމަކީ އެދެވިގެންވާ ކަމެއް ކަމަށް ވެސް އެޗްޕީއޭ އިން ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެއެވެ.
މަތީގައި ބަޔާންކޮށްފައިވާ ގޮތަށް ފިޔަވަޅުތަކަށް ބަދަލުގެނައި ނަމަވެސް، ބައްޔަށް ޕޮޒިވްވާ ފަރާތްތަކާއި ޕޮޒިޓިވް މީހުންގެ ޑައިރެކްޓް ކޮންޓެކްޓުން ކަނޑައެޅިފައިވާ މުއްދަތާއި އުޞޫލުތަކާއެއްގޮތަށް އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އެކަހެރިކުރުމާއި ކަރަންޓީނުކުރުމާއި ޓެސްޓުކުރުން ކުރިއަށް ގެންދެވޭނެއެވެ.