English Edition
Dhivehi Edition

އަވައްޓެރި އިންޑިޔާއިން ކޮރޯނާ ވައިރަހަށް އިތުރު މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މިއަދު އިންޑިޔާގެ ހެލްތް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހާ ފެނިފައި ވަނީ ކުރިންފަހަރުވެސް އެ ވައިރަސް ފެނުނު ކެރެލާ އިންކަމަށެވެ.

ވައިރަހަށް ޕޮޒިޓިވްވީ މިދިޔަ މަހު 24 ހުގައި ޗައިނާއިން އިންޑިޔާއަށް އައި އަންހެނެކެވެ. ހެލްތު މިނިސްޓްރީން ވިދާޅުވީ އެ އަންހެން މީހާ އަށް ފަރުވާދިނުމަށް އައިސޮލޭޝަނަށް ލާފައިވާ ކަމަށެވެ.

މިއަދާއި ހަމައަށް ކޮރޯނާ ވައިރަހަށް 14،423 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. މި ވައިރަހުގައި 304 މީހުން މަރުވެފައިވާއިރު 331 މީހުން ވަނީ މި ބަލިން ފަސޭހަ ވެފައެވެ.

ދުނިޔޭގެ 20 އަށްވުރެ ގިނަ ޤައުމުން ކޮރޯނާ ވައިރަސް މިހާތަނަށް ވަނީ ފެނިފައިއެވެ. މިއަދާއި ހަމަޔަށް ކޮރޯނާ އަށް ޝައްކު ކުރެވޭ 19،544 މީހުން ވަނީ ފެނިފައި އެވެ. މި ވައިރަސް އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފަސޭހަކަމާއި އެކު އަރާތީ ބަލި ޖެހިފައިވާ މީހުން އަދި ބައްޔަށް ޝައްކުކުރެވޭ މީހުންނަށް ފަރުވާދެމުން ދަނީ އެމީހުން އެކަހެރިކޮށް ބައިތިއްބައިގެންނެވެ.

ކޮރޯނާ ވައިރަހުގެ ކޭސްތައް އިތުރުވެ މި ބަލީގައި މަރުވާމީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން ދުނިޔޭގެ ސިއްޚަތާއި ބެހޭ ޖަމިއްޔާއިން ވަނީ މުޅި ދުނިޔެއަށް ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.