English Edition
Dhivehi Edition
ފޮޓޯ: އެޢޯ ނިއުސް

އައްޑޫ ސިޓީ ލިންކް ރޯޑުގެ އެންމެ ހިތްގައިމު ސަރަހައްދު ހަލާކުކޮށްލައިފިއެވެ.

އެގޮތުން އެސިޓީގެ ލިންކު ރޯޑުގެ އެ ސަރަހައްދުގައި ހުރި ގިނަ ޢަދަދެެއްގެ ރުއްތައް ވަނީ ކަނޑާލާފައެވެ. މިކަމުގެ ސަބަބުން ޢާންމުންގެ ގިނަބަޔަކު ޝަކުވާ ކުރަމުން އަންނައިރު، ބައެއް ފަރާތްތަކުން ބުނަމުން އަންނަނީ އެ ރުއްތައް ކަނޑާނުލާވެސް ރަށް ތަރައްގީ ކުރެވިދާނެ ކަމަށެވެ.

ރުއްތައް ކަނޑާލާފައިވާ ސަރަހައްދަކީ ގިނަ ޢަދަދަކަށް އެކްސިޑެންޓު ވެސް ހިނގާ ސަރަހައްދެއްކަން ބައެއް ފަރާތްތަކުން ފާހަގަކުރާއިރު، އެފަރާތްތަކުން ބުނީ އެކްސިޑެންޓު ހިނގިޔަަސް “އެރީތިކަމާއި ނަލަކަން” ނުގެއްލޭނޭ ގޮތަކަށް ކަންކަން ކުރެވެންވާނެ ކަމަށެވެ.

ކަނޑާލާފައިވާ ރުއްތަކަކީ ވަރަށް ދުވަސްވީ އަދި އެސިޓީގެ ރަމްޒެއްގެ ގޮތުގައި ވެސް ގިނަ ބަޔަކު ފާހަގަކުރާ ތަނެކެވެ. އަދި ލިންކް ރޯޑަށް ފުރިހަމަކަން ގެނެސްދީ ރީތިކަން އިތުރުކޮށްދެނީ ވެސް އެ ރުއްތައް ކަމަށް ބުނެއެވެ.

ކަންމިހެން އޮތް ނަމަވެސް އެ ސަރަހައްދުގައި ހުރި 50 ރުއް މިހާރުވަނީ ކަނޑާލާ ބިމާހަމަކޮށްފައެވެ.

މިކަމާއިގުޅިގެން ޢާންމު ރައްޔިތުންގެ ކަންބޮޑުވުންތަކަށް އައްޑޫ ސިޓީގެ މޭޔަރު ވިދާޅުވީ ލިންކު ރޯޑުގައި ހުރި ރުއްތަކެއް ކަނޑާލީ އެ ރުއްތަކުގެ ސަބަބުން މަގުމައްޗަށާއި އެއްގަމު އުޅަނދުތަކަށް ކުނި އެޅޭތީކަމަށެވެ.

އެ ރުށްތަކުގެ ސަބަބުން އުނދަގޫވެގެން ވަރަށް ގިނަ ޝަކުވާ ލިބޭކަމަށް ވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ.

އިތުރު ރުށް އިންދާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވާ އިރު، އެ ކައުންސިލުން ބުނެފައިވަނީ 100،000 ރުއް އިންދުމުގެ ޕްރޮގްރާމެއް ފަށައިގެން ކުރިއަށްދާކަމަށެވެ.