English Edition
Dhivehi Edition

ދުނިޔޭގެ މަޝްހޫރު ގިނަ ތަރިންތަކެއް ހިމެނޭ ފްރާންސްގެ ޕީއެސްޖީ ކަޓުވާލުމަށް ފަހު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކުރުމުގެ ޝަރަފު އޮތް ސްޕެއިންގެ ރެއާލް މެޑްރިޑު ދަތުރުކޮށްފިއެވެ.

ސަންޓިއާގޯ ބާނަބެއުގައި ރޭ ކުޅުނު ދެވަނަ ބުރުގެ ދެވަނަ ލެގުގެ މެޗު ރެއާލް އިން ކާމިޔާބު ކޮށްފައިވަނީ ޕީއެސްޖީއާއި ވާދަކޮށް 1-3 ގެ ނަތީޖާއިންނެވެ.

މި ދެޓީމު ޕީއެސްޖީ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން 0-1 ގެ ނަތީޖާއިން މޮޅުވެފައިވަނީ ޕީއެސްޖީއެވެ. ނަމަވެސް ރޭ ރެއާލްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ފަހަތުން އަރާ 1-3 އިން ރެއާލް ވަނީ ޕީއެސްޖީ ބަލިކޮށްފައެވެ. މި ނަތީޖާއާއި އެކު 2-3 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދާ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވަނީ ރެއާލް މެޑްރިޑުންނެވެ.

ތަފާތު އަދި އެހާމެ ރީތި އަވަސް ކުޅުމެއް ފެނިގެން ދިޔަ މި މެޗު ފެށިގެން ވެސް ޕީއެސްޖީގެ ފަހަތަށް ޕްރެސަރ ބޮޑުކޮށް ރަނގަޅަށް ކުޅެމުން ގެންދިޔައީ ރެއާލުންނެވެ. ނަމަވެސް މި ހާފުގައި ޕީއެސްޖީގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލަން މާ ރަނގަޅު ހުސް ފުރުސަތެއް ރެއާލްއަކަށް ތަނަވަސްކުރެވިފައެއް ނުވެއެވެ.

ރެއާލުން ރަނގަޅަށް ކުޅެމުން ދަނިކޮށް އުފެއްދި ކައުންޓަ އެޓޭކެއްގައި މެޗުގެ 39 ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑުނަގާފައެވެ. ރެއާލްގެ ކުޅުންތެރިން ކުރިޔަށް ޖެހިލާފައި އޮތް ވަގުތު ނޭމާ ވަނީ ބޯޅަ ހޯދާ އަރިމަތިން ހުސްކޮށް އޮތް އެމްބާޕޭއަށް ދީފައެވެ. ނޭމާގެ މި ހިތްގައިމު ޕާހާއި އެކު ބޯޅަ ހިފައިގެން ބާރު ދުވެލީގައި ދުވެފަ ދިޔަ އެމްބާޕޭ ދިޔައީ ހުސްކޮށެވެ. ރެއާލްގެ ފަހަތުގައި ގޯލް ކީޕަރު ފިޔަވާ އިތުރު ކުޅުންތެރިއެއް ނެތެވެ. ދުވެފައި ދިޔަ އެ ބާރު މިނުގައި އެމްބާޕޭ ވަނީ އެ ބޯޅަ ރެއާލްގެ ގޯލުގެ އަރިމަތީ ތިރީ ކަނަށް ފޮނުވާލާފައެވެ.

މި ލަނޑަށް ފަހު ޕީއެސްޖީން މެޗުގެ ކޮންޓްރޯލް ހޯދިއިރު، އެޓީމުން ވަނީ ރެއާލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން ނޭމާ އާއި މެސީ އަދި އެމްބާޕޭ ގުޅިގެން ނުރައްކާތެރި ދެތިން ހަމަލާއެއް ރެއާލްގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައިވެއެވެ. ނަމަވެސް ރެއާލްގެ ކީޕަ ވަނީ މި ހަމަލާތައް ދިފާއުކޮށްފައެވެ.

ޕީއެސްޖީ ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް އެޓީމަށް ހިތްދަތިކަން އިހުސާސް ކުރަން ޖެހުނީ މިހާފުގައެވެ. މި ހާފު ފަށައިގެން މޮޅު ކުޅުމެއް ދައްކަމުން ދިޔަ ރެއާލުން ވަނީ ނަތީޖާ އަނބުރާލަން ބުރަކޮށް މަސައްކަތް ކޮށްފައެވެ. އެގޮތުން ޕީއެސްޖީގެ ފަހަތަށް ބާރު ބޮޑުކޮށް ޕީއެސްޖީގެ ގޯލަށް ނުރައްކާ ކުރެވޭތޯ ހުއްޓުމެއްނެތި މަސައްކަތް ކުރަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 61 ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ރެއާލަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން މި ލަނޑު ކާމިޔާބު ކޮށްދިނީ ވިނީސަސް ޖޫނިއަރގެ އެހީތެރި ކަމާއި އެކު އިތުބާރު ފޯވާޑް ކަރީމް ބެންޒެމާއެވެ.

މި ލަނޑާއި އެކު ޕީއެސްޖީ ހާސްކަމުގެ ތެރެއަށް ވެއްޓުނުއިރު، އެޓީމުން ކުޅެމުން ދިޔަ ވަރުގަދަ ރީތި ޕާސިން ގޭމްގަނޑު ވިއްސި ވިހާލިވިއެވެ. މުޅި ޓީމުގެ ޖޯޝާއި ފޯރި ނެތިގެން ދިޔައެވެ. ޕީއެސްޖީގެ ހާފުތެރޭގައި ރަސްކަން ކުރަމުން ގެންދިޔަ ރެއާލުން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށް ޕީއެސްޖީ އިތުރަށް ހާސްކަމުގެ ތެރެއަށް ވައްޓާލި މެޗުގެ 76 ވަނަ މިނެޓުގެ ތެރޭގައި މޮޑްރިޗް ދިން ހިތްގައިމު ބޯޅަ އަކުން ކަރީމް ބެންޒެމާ ރެއާލްގެ ދެވަނަ ލަނޑު ޖަހާ މެޗުގެ ލީޑު ނެގުމުންނެވެ. ބެންޒެމާގެ މި ލަނޑާއި އެކު ދެޓީމު މެޗުގެ އެގްރިގޭޓް ނަތީޖާ ހަމަހަމަވިއެވެ.

ގޮތް ހުސްވެ ހާސްކަމުގެ ތެރޭގައި ކުޅެމުން ދިޔަ ތަރިން ގިނަ ޕީއެސްޖީއަށް ޖެހުނީ ދަނޑުމަތީގައި ރެއާލްގެ ޗަރުކޭސްތައް ބަލަން ތިބޭށެވެ. މުޅި މެޗުގެ ކޮންޓްރޯލް އަތުލާ ރެއާލުން ދިޔައީ އެޓީމުން ބޭނުންވާ ކުޅުން ކުޅެ ޕީއެސްޖީގެ ހާފުތެރޭގައި ރަސްކަން ކުރަމުންނެވެ. ރެއާލުން ދިޔައީ ފުލުފުލުގައި ޕީއެސްޖީގެ ގޯލަށް ނުރައްކާ ކޮށް ހަމަލާތައް އުފައްދަމުންނެވެ. ރެއާލުން މި މެޗުގެ ތިންވަނަ ލަނޑު ޖަހާ މެޗުގެ އެގްރިގޭޓް ނަތީޖާ އެޓީމު ކޮޅަށް އަނބުރާލީ މެޗުގެ 76 ވަނަ މިނެޓުގައެވެ. ރެއާލްގެ ކުޅުންތެރިން ކުރުޕާސްތަކާއި އެކު ޕީއެސްޖީގެ އޭރިޔާތެރެއަށް ވަދެގަނެ ތިންވަނަ ފަހަރަށް ޕީއެސްޖީގެ ގޯލު ފޫއަޅުވާލީ މެޗުގައި މޮޅު ކުޅުމެއް ކުޅެމުން ދިޔަ ފްރާންސް ފޯވާޑް ކަރީމް ބެންޒެމާއެވެ. ބެންޒެމާގެ ތަފާތު މޮޅު ކުޅުމާއި އެކު މި މެޗުގައި ރެއާލް މޮޅުކޮށްދިނުމުގެ އެންމެ ބޮޑު ހިއްސާއެއް އޮތް ކުޅުންތެރިއަކީ ކަރީމް ބެންޒެމާއެވެ. މި މެޗުގައި ރެއާލުން ޖެހި ތިން ލަނޑުވެސް ޖަހާ މި މެޗުގެ ހެޓްރިކް ފުރިހަމަ ކުރިއިރު، މިއީ އޭނާގެ ކެރިއަރުގައި ގެދި ހަތަރު ވަނަ ހެޓްރިކެވެ. އަދި ޗެމްޕިއަންސް ލީގުގައި ހެދި ތިންވަނަ ހެޓްރިކެވެ.

ރޭ ޕީއެސްޖިއަތުން ހޯދި މޮޅާއިއެކު ރެއާލް މުބާރާތުގެ ކުއާޓާއިން ޖާގަ ހޯދިއިރު، ރޭ ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އާއި ދެކޮޅައް ކުޅެ އެއްވަރުވި މެންޗެސްޓާ ސިޓީ ވެސް ވަނީ 0-5 ގެ އެގްރިގޭޓް ނަތީޖާއިން ކުރިހޯދާ މުބާރާތުގެ ކުއާޓާއިން ޖާގަ ހޯދާފައެވެ.

މިހާތަނަށް މުބާރާތުގެ ކުއާޓާއިން ޖާގަ ހޯދާފައިވަ ޓީމުތަކަކީ ލިވަޕޫލް، ރެއާލް މެޑްރިޑް، މެންޗެސްޓާ ސިޓީ އަދި ބަޔާން މިޔުނިކްއެވެ.