English Edition
Dhivehi Edition
ފޮޓޯ: ބީއެމްއެލް ޓްވިޓަރ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަނިމާދޫ ސްކޫލުގެ ލައިބްރަރީ ތަރައްގީކޮށްފިއެވެ.

އެ ބޭންކުގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި މި ލައިބްރަރީ ތަރައްގީ ކޮށްފައިވާ އިރު، މިއީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ފަރާތުން ހިންގި މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން، ލައިބްރައީއަށް ބޭނުންވާ އިތުރު ފޮތްހަރުގަނޑު ހިމަނައި، ސެން ކްލާސް ދަރިވަރުންނަށް ފޮތް ކިޔުމަށް ޚާއްސަ ކޯނަރ އެއް ވަނީ ގާއިމުކޮށްފައެވެ. އަދި ގޮނޑި، މޭޒު ފަދަ ފަރުނީޗަރު ވެސް ވަނީ ހޯދައިދީފައެވެ.

ހަނިމާދޫ ސްކޫލަށް އާންމުން ވެސް ވަނީ ގިނަ ފޮތްތަކެއް ހަދިޔާކޮށްފައެވެ. އެގޮތުން 700 އަށް ވުރެ ގިނަ ފޮތް އެ ސްކޫލްގެ ލައިބްރަރީ ގައި މިހާރު ހުރޮއިރު، އޭގެ ތެރެއިން 450 އަށް ވުރެ ގިނަ ފޮތަކީ ކޮމިއުނިޓީ ފަންޑުގެ އެހީގައި ގަނެފައިވާ ފޮތްތަކެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސް ޙުސައިން ވަހީދު ވިދާޅުވީ، ސްކޫލްގެ ލައިބްރަރީ އިތުރަށް ތަރައްގީކުރަން ބޭނުންވީ ސްކޫލު ލައިބްރަރީ ބޭނުންކުރާ ދަރިވަރުން އިތުރުވަމުން ދިޔުމާއި އެ ކުދިންނަށް އެކަށޭނެ މާހައުލެއް ގާއިމްކޮށްދިނުމުގެ މަގްސަދުގައި ކަމަށެވެ.

“އާ ފޮތްތަކާއި އިތުރު ގޮނޑި މޭޒު އަދި ސެން ކްލާސް ކުދިންނަށް ހާއްސަ ކޯނަރއެއް ހިމަނައި ލައިބްރަރީއަށް މި ގެނެވުނު ބަދަލާއެކު ފޮތްކިޔުމަށާއި ފިލާވަޅުތައް ދަސްކުރުމަށް އިތުރު ކުދިން ޝައުގުވެރިވާނެ މާހައުލެއް މިވަނީ ގާއިމްވެފަ.” ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވަނީ މި ފުރުސަތުގައި ޖަމިއްޔާގެ މެންބަރުންނަށާއި އެހެނިހެން ގޮތްގޮތުން މި ޕްރޮޖެކްޓަށް އެހީވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އާންމު ފަރުދުންނާއި ޖަމިއްޔާތަކުން ހިންގާ، މުޖުތަމައަށް ފައިދާކުރާނެ ފަދަ ޕްރޮޖެކްޓުތަކަށް އެހީތެރިވުމުގެ ގޮތުން ތައާރަފު ކޮށްފައިވާ ފަންޑެކެވެ. މި ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި ތަޢުލީމާއި ކުޅިވަރު ހަރަކާތްތަކާއި ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.