English Edition
Dhivehi Edition

ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އިން ބެލަރޫސަށް ފިޔަވަޅު އަޅައިފި އެވެ.

ޔޫއެފާއިން ބެލަރޫސްއަށް ފިޔަވަޅު އެޅީ ރަޝިއާއިން އިސްވެ އޮވެ، ޔޫކްރެއިންނަށް ދެމުން ގެންދާ ގަމަލާތަކަށް އެގައުމުން ތާއީދު ކުރާކަމަށް ބުނެއެވެ. އެގޮތުން ޔޫއެފާއިން ވަނީ އެ ފެޑެރޭޝަނުން ރާވާ ހިންގާ މުބާރާތް ތަކުގައި ބެލަރޫސްގައި ކުޅެވޭ އެއްވެސް މެޗެއްގައި އެގައުމުގެ ސަޕޯޓަރުން ނުވައްދާ ކުޅޭ ގޮތަށް ނިންމާފައެވެ.

ޔޫއެފާއިން ބެލަރޫސްއަށް ފިޔަވަޅު އެޅިއިރު، އެ އިދާރާއިން ބެލަރޫސްއާއި މެދު އެޅި މި ފިޔަވަޅު އަޅާފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ. ޔޫއެފާއިން ބެލަރޫސް އަށް ފިޔަވަޅު އެޅިއިރު، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ އާއި ޔޫއެފާ ގުޅިގެން ވަނީ ނިމިގެން ދިޔަ ފެބުރުއަރީ މަގުގެ 28 ވަނަ ދުވަހު ރަޝިއާ ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކޮށްފައެވެ.

ރަޝުއާއާއި ބެލަރޫސްއަށް އެޅި ފިޔަވަޅުތަކާއި ގުޅިގެން ވާހަކަ ދައްކަމުން ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން ވިދާޅުވީ މި ވަގުތުގެ ހާލަތަށް ބަލާއިރު ބެލަރޫސާއި ރަޝިއާ އަށް އަޅާފައިވަނީ އެންމެ އެކަށީގެންވާ ރަނގަޅު ފިޔަވަޅުތަކެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި ފުޓްބޯޅަ އަކީ ހަމަހަމަކަމާއި އިންސާފަށް ލޯބިކުރާ ކުޅިވަރަކަށް ވާތީ މި ވަގުތަށް އަޅާފައިވާ ފިޔަވަޅުތައް ރަނގަޅުކަމަށާއި އަދި މި ގައުމުތަކަށް އަލުން ފުރުސަތު ދެވޭނެ ސީދާ ތާރީހެއް ބުނަން ދަތި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޔުއެފާ އާއި ފީފާ އިން ރަޝިއާގެ ޓީމުތައް ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކުރަން ނިންމާފައިވާ ނިންމުން ބަދަލުކުރަން ރަޝިއާ އިން މިހާރު ވަނީ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް މައްސަލަ ހުށަހަޅާފަ އެވެ.