English Edition
Dhivehi Edition
އަލިފާނުގެ ހާދިސާގައި ތަކެއްޗަށް ގެންލުން ވެފައި. /ފޮޓޯ އެމްއެންޑިއެފް

މ.ޑޯންލައިޓްހައުސް 5 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރުއެސް) އިން ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާގެ މަޢުލޫމާތު އެފްއާރުއެސް ފަޔަރ ކޮންޓްރޯލް ރޫމަށް ލިބިފައިވަނީ މިއަދު ހެނދުނު 06:12 ގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައެވެ.

އަލިފާނުގެ ޙާދިސާ ހިނގި ބަދިގެ/ފޮޓޯ އެމްއެންޑީއެފް

މި ހާދިސާ ހިނގަން މެދުވެރިވީ، ކައްކަން އުނދުންމައްޗަށް އުދާފައި ހުރި ތެޔޮ ތާހެއްގައި ހުޅުހިފުމުން، ބަދިގޭގެ ހުޑާއި ކަބަޑުގައި އަލިފާން ރޯވެގެންނެވެ. އެފްއާރްއެސްގެ ސިފައިން 06:15 ހާއިރު އެ ގެއަށް ދިޔައިރު އެގޭގެ މީހުން ވަނީ ތެއް ތުވާޔެއް ބޭނުންކޮށްގެން ރޯވި އަލިފާން ނިއްވާލާފައެވެ. ނަމަވެސް އެގޭ ތެރޭގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ހުރުމުން އެފްއާރުއެސްގެ ފަޔަރމަނުން ވަނީ ދުންތައް ބޭރުކުރުމުގެ މަސައްކަތް ކޮށްފައެވެ.

އެންއެންޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެތަނުގެ ތެރޭގައި ހުރި ބައެއް ސާމާނަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.