އައްޑޫ ސީޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ފޯރުކޮށްދިނުމަށް 30 މިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއް ކުރުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އައްޑޫއިން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލާގައި މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ އައްޑޫގެ ކަރަންޓަށް ބޮޑު އިންވެސްޓްމެންޓެއް ކުރަން އުޅޭ ކަމަށާއި މިހާރު ހުރި ބައެއް އިންޖީނުތަކާއި އެކު މުޅިން އާ އިންޖީނުގެއެއް އެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
ޝަރީފް ވިދާޅުވީ މިކަމާ ގުޅޭ ޕްލޭންތައް ހަދަމުން އަންނަ ކަމަށާއި ފައިނޭންޝަލް އިންސިޓިއުޝަން ތަކާ އެކަމާ ގުޅޭ މަޝްވަރާތައް ކުރަމުން ދާ ކަމަށެވެ. އަދި އެކަމަށް 25 ނުވަތަ 30 މިލިއަން ޑޮލަރުގެ އިންވެސްޓެއް ކުރަން ޖެހޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
މަސްއޫލިއްޔަތު ބަލާ ކޮމެޓީގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އައްޑޫގައި ވަނީ ހަތަރު ޖަނަރޭޓަރަކަށް އެއްފަހަރާ މައްސަލަ ދިމާވެފައި ކަމަށެވެ. އަދި މިކަހަލަ ސިޓްއޭޝަނެއް އައްޑޫ ސިޓީއަށް މީގެ ކުރިން އައިސްފައިނުވާ ކަމަށެވެ. ޔޫޓިލިޓީސް ކުންފުނިތައް ފެނަކައަށް ބަދަލުވިފަހުން އައްޑޫ ސިޓީގައި މިކަހަލަ އެމަޖެންސީ ހާލަތެއް އައިސްފައި ނުވާ ކަމަށާއި މިއީ ވަރަށް ރެއާކޮށް ދިމާވެފައި އޮތް ކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ބޭނުންކުރާ ހަތަރު އިންޖީނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ސްޕެއާ ޕާޓްސް އައްޑުއަށް ގެނައުމަށް މަހެއްހާ ދުވަސް ނަގާނެ ކަމަށާއި އެ މައްސަލަ ހައްލު ކުރެވެން ދެން ބޭނުންކުރާނެ ޖަނަރޭޓަރު ސެޓްތައް ހިފައިގެން މިހާރު އައްޑޫއަށް ދަތުރު ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މިއަހަރު ނިމުމުގެ ކުރިން އެ ޖަނަރޭޓަރު ސެޓްތައް އިންސްޓޯލްކޮށް ނިމޭނެ ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު މައްސަލަ ދިމާވެ ގިނަގިނައިން ކަރަންޓް ކަނޑާލަން ޖެހޭތީ ރައްޔިތުން ތިބީ އެކަމާ ވަރަށް ކަންބޮޑުވެފައެވެ.