English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް އިން ލ. އަތޮޅުގެ އިތުރު ރަށެއްގައި ސެލްފް ސަރވިސް އޭޓީއެމްގެ ޚިދުމަތް ތަޢާރަފްކޮށްފިއެވެ.

އެ ބޭންކުން ބުނީ ލ. އަތޮޅަށް ކުރަމުންދާ އިންވެސްޓްމަންޓްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން މާމެންދޫގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް މިއަދު ތައާރަފްކޮށްފައިވާ ކަމަށެވެ.

މި އޭޓީއެމް ސެންޓަރ މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

މި އޭޓީއެމް ސެންޓަރގެ ޚިދުމަތާއެކު ލ. އަތޮޅު ފޮނަދޫ އަދި ގަމުގައި ބްރާންޗް އަދި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ދެމުން އަންނަ އިރު، މާވަށުގައި ސެލްފް ސަރިވިސް ބޭންކިންގ ސެންޓަރ މެދުވެރިކޮށް ވެސް އަންނަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފުޅާކުރުމުގެ ސްޓްރެޓަޖީގެ ދަށުން ރާއްޖޭގެ އެކި ރަށްރަށަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ބީއެމްއެލް އިން އިންވެސްޓް ކުރަމުންދާނެ ކަމަށެވެ.

“މާމެންދޫގައި މި ހުޅުވުނު އޭޓީއެމް ސެންޓަރ މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އެހެން ރަށަކަށް ދަތުރުކުރަން ނުޖެހި ބޭންކިންގ ޚިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ.” އޭނާ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗާއި 78 ސެލްފްސަރވިސް ބޭންކިންގ ސެންޓަރާއި 136 އޭޓީއެމްއިން އަންނަނީ ޚިދުމަތް ދެމުންނެވެ. އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންނާއި އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.