English Edition
Dhivehi Edition

ފުވައްމުލަކުގެ ތާރީޚުގައި ގުރުއާން ހިތުދަސްކުރި އެންމެ ހަނގު ދަރިވަރު، މަދަރުސަތުއް ޝައިޚު މުޙައްމަދު ޖަމާލުއްދީނު ސްކޫލު(އެމް.ޖޭ.އެސް)ގެ ހޫދު މުޙައްމަދު ޢަލީއަށް، އެ ސްކޫލުން ހޫނު މަރުޙަބާއެއް ކިޔުމުގެ ގޮތުން ޚާއްސަ އެސެމްބްލީއެއް ބާއްވާފިއެވެ.

އިއްޔެ އެ ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގައި އެމް.ޖޭ.އެސް ފަޚުރުވެރިވާ ފަދަ ރީތި ނަމެއް ހޯދާދީފައިވާތީ އާއި ޤުރުއާން ހިތު ދަސްކުރުމުގައި ހޫދު ދެއްކި ސާބިތުކަމަށް ހިތްވަރު ދިނުމުގެ ގޮތުން ފައިސާ އާއި އެހެނިހެން އިނާމް ދިނުންވަނީ، މި އެސެމްބްލީގައި ކުރިއަށް ގެންގޮސްފައެވެ،

މިހާރު އެ ސްކޫލުގެ ގްރޭޑް 9 ގައި ތަޢުލީމު ޙާސިލުކުރަމުން އަންނަ ހޫދު ޤުރުއާން ހިތުދަސްކުރަން ފަށާފައިވަނީ 2015 ވަނަ އަހަރުގައެވެ. ސްކޫލުން ދެވޭ މަސައްކަތްތަކަށް ބުރޫނާރާގޮތަށް ހުރިހާ ފިލާވަޅެއް ފުރިހަމަކުރަމުން ޤުރުއާން ހިތުދަސްކުރާތީ އޭނައަށް އަބަދުވެސް ހިތްވަރު ދެއްވާކަމަށް ޢާއިލާއިންވަނީ ބުނެފައެވެ.

ހޫދު ހޯދި ކާމިޔާބީ އާއި ބެހޭ ގޮތުން ވާހަކަދައްކަމުން އޭނާ ބުނީ ސްކޫލުގައި ތަޢުލީމު ޙާސިލުކުރަމުން މިފަދަ ބޮޑުކާމިޔާބީއެއް ޙާސިލުކުރެވުނީ ސްކޫލާއި އާއިލާގެ ފުރިހަމަ އެއްބާރުލުން ލިބިގެންކަމުގައެވެ. ޙާފިޒު ހޫދު ވަނީ، ޤުރުއާން ހިތުދަސްކުރުމުގައި އޭނަގެ މަންމަގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށްފައެވެ.

ޤުރުއާން ހިތުދަސްކުރުމަށްފަހު ސަރުކާރުން ފުވައްމުލަކުގައި އުފައްދަވާފައިވާ ޙާފިޒުންގެ ކޮމެޓީއަށް ދަސް ކިޔާދީފައިވަނީ މިދިޔަ އަހަރުގައެވެ. އެމް.ޖޭ.އެސް އިން ބުނާގޮތުގައި ހޫދުއަކީ އަބަދުވެސް ޝައުޤުވެރިކަމާއެކު ޤުރުއާން ކިޔެވުމަށް ލޯބިކުރާ އަޚުލާޤު ރަނގަޅު ދަރިވަރެކެވެ.