English Edition
Dhivehi Edition
ފޮޓޯ:ފުވައްމުލައް މެޑިކަލް ސެންޓަރު

މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން ނިޔާވި ސަދާ ސައުދުﷲ އާއި 2017 ވަނަ އަހަރު އެ ހޮސްޕިޓަލުގެ އިހުމާލުން ނިޔާވި ސަދާގެ މާމަގެ ހަނދާނުގައި ކްލިނިކެއް ހުޅުވައިފިއެވެ.

އެ ދެމައިންގެ ހަނދާނުގައި ހުޅުވި ކްލިނިކްގެ ނަމަކީ ފުވައްމުލަކު މެޑިކަލް ސެންޓަރެވެ. މި ކްލިނިކުގެ ވެރިފަރާތް އަދި ސަދާގެ ބައްޕަ ސައުދުﷲ ވިދާޅުވީ ފުވައްމުލަކު މެޑިކަލް ސެންޓަރުގެ އެންމެ ބޮޑު އަމާޒަކީ ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން ހިނގާ މިފަދަ ހިތާމަވެރި ހާދިސާތައް އެހެން އާއިލާއަކުން ތަހަންމަލްކުރަން ނުޖެހޭފަދަ ޒިންމާދާރު ޚިދުމަތެއް ފޯރުކޮށްދިނުންކަމަށެވެ. މީގެ އިތުރުން ސައުދުﷲ ވިދާޅުވީ އެ ކްލިނިކުގެ އަމާޒުތަކުގެ ތެރޭގައި ފުވައްމުލަކު ހޮސްޕިޓަލުން ނުލިބޭ ސިއްހީ ގިނަ ޚިދުމަތްތަކެއް ފޯރިކޮށްދިނުންވެސް ހިމެނޭ ކަމަށެވެ.

އެ ކްލިނިކްގައި މިހާރުވެސް ދާއިމީކޮށް ކުޑަކުދިންގެ ޑޮކްޓަރެއްގެ އިތުރުން އާންމު ބަލީގެ ޑޮކްޓަރެއް މަސައްކަތް ކުރަމުން ގެންދެއެވެ. އަދި އެ ކްލިނިކުގައި ޚިދުމަތް ދިނުމަށް އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ އާއި ކުޑަކުދިންގެ ޑޮކްޓަރު ހުސައިން މާހިރު އާއި ނަފްސާނީ ޑޮކްޓަރު ޑރ. އައިޝަތު އަލީ ނާޒް އާއި، ހަމުގެ ޑޮކްޓަރު މުހައްމަދު ހައިކަލް އަލީ ރަޙްމާން އަދި ނާރުގެ ޑޮކްޓަރު އަހުމްދު ރަޝީދުގެ އިތުރުން ޑައިޓީޝަން އާސިޔާ ޢަބްދުއްރަހީމް ވަނީ ރަޖިސްޓްރީވެފައެވެ.

މީގެ އިތުރުން އެ ކްލިނިކްގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ސްޕީޗް ތެރަޕީ، ފިޒިއޮ ތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީ އަދި ސްޕެޝިއަލް އެޑިއުކޭޓަރަކާއެކު ޚިދުމަތްތައް ފުޅާކުރުމަކީ މި ކްލިނިކްގެ މެނޭޖްމެންޓްގެ އެންމެ ބޮޑު އެއް އުއްމީދެވެ.