English Edition
Dhivehi Edition

ރާއްޖޭގެ ސަރުކާރުން ތިމާވެށީގެ ރޮނގުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ބައިނަލް އަޤްވާމީގެ އެހީތެރިކަން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސުލް ޖުމުހޫރިއްޔާ މިގޮތަށް ވިދާޅުވީ ގްލޯބަލް ސެންޓަރ އޮން އެޑަޕްޓޭޝަން (ޖީސީއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ޑޮކްޓަރ ޕެޓްރިކް ވެރްކޮޔަން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިއަދު ކުރެއްވެވި އިޙްތިރާމްގެ ޒިޔާރަތުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖީސީއޭގެ ސީއީއޯ ރާއްޖެ ވަޑައިގެންނެވި ކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ.
އަދި، ދެބޭފުޅުން ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ޖީސީއޭގެ ސީއީއޯ ވަނީ ރާއްޖޭގެ އިތުރުން އެހެން ބައިނަލްއަޤްވާމީ ފަރާތްތަކާއި އެކު ޖީސީއޭ އިން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ގުޅޭގޮތުން ކުރަމުން އަންނަ ބައެއް މަޝްވަރާތަކާއި މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. މީގެ އިތުރުން ވެސް ސީއީއޯ ވިދާޅުވިގޮތުގައި ޖީސީއޭ އިން ރާއްޖެއަށް ހުށަހަޅާ ކަންކަމަކީ ރައީސް ސާލިޙްގެ ސަރުކާރުން ތިމާވެށީގެ ރޮނގުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭނުންވާ ޢަމަލީ މަސައްކަތް ހިމެނޭހެން ހުށަހަޅާ ކަންތައްތަކެކެވެ. އަދި ޑޮކްޓަރ ވެރްކޮޔަން ވަނީ ތިމާވެށީގެ ކަންކަމުގައި ޖީސީއޭގެ ފަރާތުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަން ކަށަވަރުކޮށްދެއްވާފައެވެ.

ޖީސީއޭއަކީ މޫސުމަށް އަންނަ ބަދަލުތަކުން ޤައުމުތައް އަރައިގަތުމަށް ކުރާ މަސައްކަތުގައި އެހީތެރިވެދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެކެވެ.