English Edition
Dhivehi Edition

ރަން ޔޫބީލް ފާހަގަކުރުމަށް ބާއްވާ “އޯޗަން 6/50” ގެ ޑިޖިޓަލް މީޑިއާ ޕާޓްނަރއަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ދިރާގުން ބުނީ “ކެއަރ ފޯ ދި އޯޝަން” އަކީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމެއް ކަމަށެވެ. އަދި އެ ކުންފުނީގައި ސިންގަލް ޔޫސް ޕްލާސްޓިކް ވެސް މަނާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މިފަދަ ތިމާވެއްޓާ ގުޅޭ ކަންކަމުގައި އެ ކުންފުނިން ޚާއްސަ އިސްކަމެއްދޭ ކަމަށެވެ.

އެ ކުންފުނިން އިތުރަށް ބުނީ މި ޑައިވްގެ މައިގަނޑު މަގްސަދަކީ ހުރިހާ އެންމެން ގުޅިގެން ކްލައިމޭޓް ޗޭންޖާއި ޕްލާސްޓިކް ކުނި ފަދަ ތަކެތި މޫދަށް އެޅުމާއި ނެތިދިއުމުގެ ބިރު ހީވެފައިވާ ޖަނަވާރުތަކާއި އެނޫންވެސް ތިމާވެއްޓާ ގުޅޭ ކަންކަމާއި ގުޅޭ ގޮތުން ހޭލުންތެރި ކުރުވުން ކަމަށެވެ.

މިގޮތުން މި ހަރަކާތުގެ ސަބަބުން ޕްލާސްޓިކް ކުނިން ކަނޑު ތަޣައްޔަރުވުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަނޑުގެ ދިރުންތަކާއި މުޅި ކަނޑުފަޅުގެ ދިރުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމާއި މިކަންކަމަށް މާނަވީ އަދި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް ރާއްޖޭގެ އަދި ބައިނަލްއަގްވާމީ ޑައިވިންގ ކޮމިއުނިޓީ އާއި މެރިން ރިސަރޗަރުންނާއި ތިމާވެށީގެ އެކްޓިވިސްޓުން އެއްތަނަކުން ބައްދަލުވެ ވަކާލާތުކުރުމަށް މަގު ތަނަވަސް ވެގެންދާނެ ކަމަށް ވެސް ދިރާގުން ބުނެއެެވެ.

އޯޝަން 6/50 އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރު ފާހަގަކުރުމަށް ރާއްޖޭގެ މަޝްހޫރު ޓެކްނިކަލް ޑައިވަރު ޔުނިކްސް ސްޕޯޓިންގ އާއި ޝަފްރާޒް ނައީމް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މާލެއަތޮޅު އަނަންތަރާ ދިގު ރިސޯޓުގެ ބޭރުން އޮންނަ ކުޑަގިރީގައި މި ހަރަކާތް ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 25 ން 27އަށެވެ. މި އިވެންޓުގައި ޑައިވަރު ޝަފްރާޒް ނައީމް މޫދު އަޑީގައި 50 ގަޑިއިރު ހޭދަ ކުރަން މަސައްކަތް ކުރާއިރު، މި މުއްދަތުގައި ހަރަކާތުގައި ބައިވެރިވާ ޑައިވަރުން ޝަފްރާޒާ ބައްދަލުކޮށް، ތިމާވެށި ރައްކާތެރި ކުރުމާ ބެހޭ ވައުދެއްގައި ސޮއި ކުރާނެއެވެ.

މިއީ މިފަދަ ހަރަކާތެއް ދެކުނު އޭޝިއާ ސަރަހައްދުގައި ބޭއްވޭ ފުރަތަމަ ފަހަރެވެ.

ޓެގު