English Edition
Dhivehi Edition

މި އަހަރުގެ މޭ މަހުން ފެށިގެން ޓީޗަރުން ހިމެނޭހެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް މުސާރަ ބޮޑުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރިޔާސީ ބަޔާނުގައި އެ މަނިކުފާނު ވިދާޅުވީ، އެ ނިންމެވުމުގެ ނަތީޖާއަކީ ގްރެޖުއޭޓް ފެންވަރުގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ 12،628ރ. އިން 19،640ރ. އަށް ބޮޑުވުން ކަަމަށެވެ. އެއީ 56 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ވާއިރު ރައީސް ވިދާޅުވިގޮތުގައި އެ އަދަދު ކަލްކިއުލޭޓް ކުރައްވާފައި ވަނީ އިތުރު ގަޑި ނުލަ އެވެ. އިތުރު ގަޑި ހިމަނައިފި ނަމަ މުސާރަ އެ އަށް ވުރެ ބޮޑުވާނެ އެވެ.

ރައީސް ވިދާޅުވީ، މިއީ ޓީޗަރުންގެ މުސާރައަށް ލިބޭނެ 56 ޕަރސެންޓްގެ ކުރިއެރުމެއް ކަމަށެވެ.

ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ރައީސް ނިންމެވިއިރު، އެއީ އެ މަނިކުފާނުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ނުފުއްދަވައި ގިނަ ދުވަސްތަކެއް ވުމުން ޓީޗަރުންގެ ފަރާތުން ސަރުކާރުގެ ކަމާ ގުޅޭ އިސްވެރިންނަށް އެ މައްސަލަ އެކި ބައްދަލުވުންތަކުގައި ވަނީ ހުށަހަޅައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ، ދަރިން ބިނާކުރާ އެދުރުން ކަމަށާއި އެމީހުންނަށް އެކަށީގެންވާ އުޖޫރައެއް ދިނުމަކީ ރިޔާސީ ވަޢުދެއް ކަމަށެވެ.

ރައީސްގެ ރިޔާސީ ބަޔާނުގައި އިތުރަށް ފާހަގަކުރެއްވި ކަންކަމަށް ބަލާއިރު، މިނިމަމް ވޭޖާއެކު މަސައްކަތްތެރިންނަށް ލިބުނު މުސާރައިގެ ކުރިއެރުން ފާހަގަކުރެއްވިއެވެ.

ރިޔާސީ ބަޔާނުގައި، ވިދާޅުވީ، ރަނގަޅު ބަދަލެއް އަންނަނީ ހެޔޮ ނިޔަތެއް އޮވެގެން ކަމަށެވެ.