އަޙްމަދު ޝާޒް (2017)
ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. “إِذَا جَاءَ رَمَضَانُ فُتِّحَتْ أَبْوَابُ الْجَنَّةِ ، وَغُلِّقَتْ أَبْوَابُ النَّارِ ، وَصُفِّدَتْ الشَّيَاطِيْنُ” (صحيح مسلم 1079) މިޙަދީޘްގެ ލަފުޒީ މާނައަކީ: “ރަމަޟާން މަސް އައުމުން ސުވަރުގޭގެ ދޮރުތައް ހުޅުއްވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދު ކުރެއްވެއެވެ. އަދި ޝައިޠާނުން ކަސްތަޅު އެޅުއްވެއެވެ.” މި ޙަދީޘްގެ ތަފާތު ރިވާޔަތްތައް ވެއެވެ. ބައެއް ރިވާޔަތުގައި وَصُفِّدَتْ الشَّيَاطِيْنُގެ ބަދަލުގައ وَسُلْسِلَتْ الشَّيَاطِيْنُ މިފަދައިން އައިސްފައި ވެއެވެ. އަދި ބައެއް ރިވާޔަތުގައި وَتُغَلُّ فِيْهِ مَرَدَةُ الشَّيَاطِيْنِ “އަދި މާރިދު ޝައިޠާނުން ކަސްތަޅު އެޅުއްވެއެވެ.” މިފަދައިން އައިސްފައި ވެއެވެ.
ޙަދީޘްގައި ބަޔާންކުރައްވާފައި އެވާ، ޝައިޠާނާ ކަސްތަޅު އެޅުއްވުމަކީ ކޮބައިތޯއާ މެދުގައި ޢިލްމުވެރިންގެ ތަފާތު ބަސްފުޅުތައް އައިސްފައިވެއެވެ. އެގޮތުން؛ އޭގެ މާނައަކީ ބައެއް ރިވާޔަތްތަކުގައި ވާފަދައިން އެންމެ ނުބައިކަން ބޮޑުވެގެންވާ މާރިދު ޝައިޠާނުން ކަސްތަޅު އެޅުއްވުން ކަމަށް ބުނެވެއެވެ. އަދި އެއީ ވަކި އެއްޗެއް އިސްތިސްނާކުރެއްވުމެއްނެތި ހުރިހާ ޝައިޠާނުންވެސް ޙަޤީޤީ ކަސްތަޅު އެޅުއްވުމަކުން ކަސްތަޅު އެޅުއްވުންކަމުގައިވެސް ބުނެވެއެވެ. ހަމަމިއާއެކު، އެއީ ރަމަޟާން މަހުގައި ގިނަ ގުނަވެގެންވާ ހެޔޮކަމުގެ ފުރުޞަތުތައް ލައްވަވާފައިވަނިކޮށް އެ ހެޔޮކަންތަކުން މަޙްރޫމުވީ މީހާ، ތިމަންނާއަށް އެހެން ދިމާވީ ޝައިޠާނާގެ ސަބަބުންނޭ ބުނެ އުޒުރު ނުދެއްކުމުގެ މައްޗަށް އައިސްފައިވާ ބަސްފުޅެއް ކަމުގައިވެސް ބުނެވެއެވެ. މި ބުނުމުގައި ވާގޮތުން، އެމަހުގައި ޝައިޠާނީ ބާރުތައް ކަނޑުއްވާފައިވަނިކޮށް، އަމިއްލައަށް ހެޔޮކަމުން މަޙްރޫމުވުމާއެކު އެއީ ޝައިޠާނާގެ ސަބަބުން ވީކަމެކޭ ބުނެވޭނެ ޖާގައެއް ނޯންނާނެއެވެ.
އަލްޤާޟީ ޢިޔާޟު ވިދާޅުވާގޮތުގައި، ރަމަޟާން މަހުގައި ޝައިޠާނުން ކަސްތަޅު އެޅުއްވުމުގެ މާނައަކީ އެމަހުގައި މާތްالله އެންގެވި ގޮތަށް އުޅޭ މުއުމިނުންނަށް ލިބޭން ހުރި ދަރުމައާއި ޘަވާބުގެ ގިނަކަމާއި، ފާފަ ފުއްސެވުމުގެ ގިނަ ކަމެވެ. އަދި އޭގެ ސަބަބުން ޝައިޠާނާގެ ބާރުތައް ދަށްވެ ނިކަމެތިވެގެން ދިއުމުން، އެ ޝައިޠާނުންނީ ކަސްތަޅު އެޅުވި ހައްޔަރު ކުރެވިފައިވާ ބައެއް ފަދައިން ވެގެން ދިއުމެވެ.
މުޅި ޙަދީޘަށް ބަލާއިރު ބޮޑަށް ބުރަވެވެން އޮތީ ޤާޟީ ޢިޔާޟުގެ ބަސްފުޅަށެވެ. ޙަދީޘްގައި ބަޔާންވެގެންވާ ގޮތުގައި ރަމަޟާން މަސް އައުމުން، ފުރަތަމަ ކަމަކަށް ސުވަރުގޭގެ ދޮރުތައް ހުޅުއްވެއެވެ. ސުވަރުގޭގެ ދޮރުތައް ހުޅުއްވެއޭ ބުނެވޭ ބަހުގެ މުރާދަކީ އެމަހުގައި އިމެއްނެތްފަދަ ހެޔޮކަމުގެ ފުރުޞަތުތައް ލައްވަވާފައި ވުމެވެ. އަދި އެ ފުރުޞަތުތަކުގެ ބޭނުން ހިފާ މީހާއަށް އޭގެ އިނާމަކަށް ސުވަރުގޭގެ މަތިވެރި ނިޢުމަތްތައް ލިބުމެވެ. އެހެނީ ހެޔޮކަމުގެ ޖަޒާވަނީ ސުވަރުގޭގައެވެ. ރަމަޟާންމަސް އައުމުން ދެވަނަ ކަމަކަށް ނަރަކައިގެ ދޮރުތައް ބަންދު ކުރެއްވޭނެކަމަށް އައިސްފައިވާ ބަސްފުޅުގެ މުރާދަކީވެސް އެމަހުގައި ހެޔޮކަންތައް ކުރުމުގެ ފުރުޞަތު އިތުރުވުމާއެކު، ނުބައިކަމުގެ މަގުތައް ހަނިވެގެން ދިއުމެވެ. އަދި މި ފުރުޞަތުގެ ބޭނުން ހިފައިފިމީހާ ނަރަކައަށް ވަނުން މަނާވެގެންދިއުމެވެ. މި މަހުގައި ހިނގާނެކަމަށް އައިސްފައިވާ ތިންވަނަ ކަމަކީ ޝައިޠާނާ ކަސްތަޅު އެޅުއްވުމެވެ. އިސްވެ ބުނެވުނު ދެކަންތައް ކަމަށްވާ، ހެޔޮ ކަމުގެ ފުރުޞަތުތައް ފަހިވެ ނުބައިވުމުގެ މަގުތައް ހަނިވުމުގެ ނަތީޖާއަކަށްވާނީ، ޝައިޠާނީ ބާރުތައް ނިކަމެތިވެ އޭނާގެ އުނދަގުލުން މުއުމިނުތަކުން މިންޖުވުމެވެ. އަދި އެޙާލަތުގައި ޝައިޠާނާ އެވަނީ ކަސްތަޅު އެޅުވި ބަންދު ކުރެވިފައިވާ އެއްޗެއް ފަދައިންނެވެ.
ނޯޓް: މިއީ ލިޔުންތެރިންގެ ގުޅުމުން ނަގާފައިވާ ލިޔުމެކެވެ