މިއަހަރުގެ އިންވެސްޓްމަންޓް ފޯރަމް ޔުނައިޓަޑް އެރެބް އެމިރޭޓްސް، ޔޫއޭއީގެ ދުބާއީގައި އަންނަ ޑިސެމްބަރމަހުގެ އަށާރަވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އިންވެސްޓްމަންޓް ފޯރަމް ލޯންޗުކުރުމަށްޓަކައި މާދަމާ ރޭ ނޭޝަނަލް އާރޓް ގެލަރީގައި ޚާއްޞަ ޙަފްލާއެއް ބޭއްވުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމާފައިވާއިރު ހަތަރުވަނަ އިންވެސްޓްމަންޓް ފޯރަމް ޔޫއޭއީގައި ބޭއްވުމަށް ނިންމާފައިވާކަން ސަރުކާރުން އިޢުލާން ކޮށްފައިވަނީ ހުސްވި މަހުގެ 14 ވަނަ ދުވަހުއެވެ. ނަމަވެސް އޭރު އިންވެސްޓްމަންޓް ފޯރަމް ބާއްވާނެ ސިޓީއެއް އަދި ތާރީޚެއް ކަނޑައަޅާފައެއް ނުވެއެވެ.
އިންވެސްޓްމަންޓް ފޯރަމްގެ ފުރަތަމަ އެޑިޝަން ބާއްވާފައިވަނީ ސިންގަޕޫރުގައެވެ. ދެވަނަ ފޯރަމް ޗައިނާގެ ބެއިޖިންގައި ބޭއްވިއިރު، ތިންވަނަ އިންވެސްޓްމަންޓް ފޯރަމް ބާއްވާފައިވަނީ އިންޑިއާގައެވެ.
އިންވެސްޓްމަންޓް ފޯރަމަކީ ވިޔަފާރިއާއި އިޤްތިޞާދު އިތުރަށް ފުޅާކޮށް، ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ދުނިޔޭގެ އިންވެސްޓްމަންޓް ކޮމިއުނިޓީއާއި ޙިއްޞާކުރުމަށާއި، ރާއްޖޭގެ ވިޔަފާރިވެރީންނާއި ބޭރުގެ ވިޔަފާރިވެރީންނާ ދެމެދު ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ސަރުކާރުން އިންތިޒާމްކޮށްގެން ބާއްވާ އިވެންޓެކެވެ.