English Edition
Dhivehi Edition

ކާޑެއްދޫ އެއަރޕޯޓާއި ގުޅިގެން ލިބެންޖެހޭ ފަޅުރަށް ނުވަތަ ފަޅުގެ ކަންތައް ހަމަޖެހުނީމަ މެނޭޖްމަންޓް އެގްރީމެންޓްގައި ސޮއިކުރާނެ ކަމަށް ވިލާ އެއަރގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ނާޝިދު ވިދާޅުވެއްޖެއެވެ.

ކާޑެއްދޫ އެއަރޕޯޓް ވިލާ ގްރޫޕާ ހަވާލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ރާއްޖޭގެ ނޫހެއް ކަމުގައިވާ ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ނާޝިދު ވިދާޅުވީ، ސަރުކާރާއި ވިލާ އެއަރ އާއި ކާޑެއްދޫ އެއަރޕޯޓް މެނޭޖްމަންޓް ޓޭކްއޯވަރ ކުރުމުގެ އިދާރީ މަސައްކަތުގެ ތެރެއިން ކާޑެއްދޫ އެއަރޕޯޓް ވިލާ އެއަރ އާއި ހަވާލުކުރުމުގެ އިދާރީ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

ކާޑެއްދޫ އެއަރޕޯޓާ ގުޅިގެން ވިލާ އެއަރ އަށް ލިބެންޖެހޭ ފަޅު ނުވަތަ ފަޅުރަށުގެ ކަންތައްތައް ހަމަޖެހުމުން މެނޭޖްމަންޓް އެގްރީމަންޓްގައި ސޮއިކުރާނެ ކަމަށް ނާޝިދު ވިދާޅުވިއެވެ. އުއްމީދު ކުރަނީ ވީހާވެސް އަވަހަށް ނިމުން ކަމަށް ވިދާޅުވެ ނާޝިދު ވިދާޅުވީ، ކުރިން ލަފާކުރީ ހުސްވި ޑިސެމްބަރު މަހުގެ ނިޔަލަށް އެގްރީމަންޓްގައި ސޮއިކުރެވޭނެ ކަމަށެވެ.

ކުރިން ކާޑެއްދޫ އެއަރޕޯޓް ހިންގަމުން ގެންދިޔައިރު އެއަރޕޯޓާއި ގުޅިގެން ވިލާ އެއަރއަށް ދޭންޖެހޭ ރަށުގެ ކަންތައް ހަމަނުޖެހި ވާކަން ނާޝިދު ވަނީ ފާހަގަކުރައްވާފައެވެ.

ރަށެއް ހަމަޖެހިގެން ކާޑެއްދޫ އެއަރޕޯޓް ހިންގުމަކީ އެއަރޕޯޓުގެ ތަރައްގީއަށް ވަރަށް މުހިންމު އެލިމެންޓެއްކަން ނާޝިދު ފާހަގަ ކުރެއްވިއެވެ. އެއަރޕޯޓާއި ހަވާލުވާއިރު ރަށެއްގެ ކަންކަން ހަމަޖެހިގެން ނޫނީ ހަވާލުނުވެވޭނެ ކަމަށްވެސް ނާޝިދު ވިދާޅުވިއެވެ. ނާޝިދު ވިދާޅުވީ ކުރިން ކާޑެއްދޫ އެއަރޕޯޓް ހިންގުމުގައި ވިލާ އެއަރ އިން ވަރަށް ބޮޑެތި ހަރަދުތައް ކޮށްފައިވާ ކަމަށެވެ.

ކާޑެއްދޫ އެއަރޕޯޓް ހިންގަން 2013 ވަނަ ހަވާލުކުރީއްސުރެ ގޮސް އެތަން ވިލާ އެއަރ އަތުން ނެގުމާއި ހަމައަށްވެސް ރަށް ލިބިފައި ނުވާކަން ފާހަގަކުރައްވާ ނާޝިދު ވިދާޅުވީ، އެއަރޕޯޓް ހިންގުމުގައި ކުރި ހުރިހާ ހަރަދެއް ކުރަންޖެހުނީ ވިލާގެ ކުންފުނިން އަމިއްލަ ހަރަދުގައި ކަމަށެވެ. އޭގެ ތެރޭގައި މުވައްޒަފުންގެ ހަރަދާއި އެވަގުތަށް ގެންނަންޖެހޭ ހުރިހާ ބަދަލެއް ހިމެނޭ ކަމަށެވެ.

މައުނަވީ ތަރައްގީއެއް ކާޑެއްދޫ އެއަރޕޯޓަށް ގެނެވޭނީ ދައުލަތުން ދޭން ނިންމާފައިވާ ރަށް ނޫނީ ފަޅުރަށެއް ދިނުމުން ކަމަށްވެސް ނާޝިދު ވިދާޅުވިއެވެ. ރާއްޖޭގައި އެހެން އެއަރޕޯޓްތައް ހިންގާ ފަރާތްތަކަށް އެގޮތަށް ކަންތައް ކުރައްވާކަން ފާހަގަކުރައްވާ ނާޝީދު ވިދާޅުވީ ވިލާއަށް އެގޮތަށް ކަންތައް ނުކުރައްވަނީ ކީއްވެކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ކާޑެއްދޫ އެއަރޕޯޓް ވިލާއާއި ހަވާލުކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުން ވަރަށް ބާރަށް ކުރިއަށް ގެންދަވާ ކަމަށާއި އެހެން ނަމަވެސް ރަށެއްގެ ކަންތައް އޮތީ ކިހާ ހިސާބެއްގައިކަން ދަންނަވަން އެނގިވަޑައި ނުގަންނަވާ ކަމަށް ނާޝިދު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއަރ ކުންފުންޏަށް ކާޑެއްދޫ އެއަރޕޯޓް ހިންގަން 50 އަހަރަށް 2013 ވަނަ އަހަރު ދީފައިވަނިކޮށް އެ އެއްބަސްވުން ބާތިލުކުރީ ރައީސް ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރުގެ ތެރޭގައެވެ. އެއްބަސްވުން ބާތިލުކޮށް އެއަރޕޯޓް އަތުލަން ސަރުކާރުން ދެއްކި ސަބަބަކީ ސިވިލް އޭވިއޭޝަންގެ މިންގަޑުތަކާއި ހިލާފަށް ހިންގާކަމަށް ބުނެއެވެ.

ދައުލަތުގެ މި ނިންމުމާއި އެކު ވިލާ އެއަރ އިން ވަނީ މިމައްސަލާގައި ސިވިލް ކޯޓާއި ހައިކޯޓުގައި ދައުލަތާއި ދެކޮޅަށް ދައުވާ ކޮށްފައެވެ. އެ ދެކޯޓުން ވެސް މައްސަލަ ނިންމާފައިވަނީ ވިލާ އެއަރ އާއި އެއްކޮޅަށެވެ. އެއްބަސްވުން އުވާލީ ގޯސްކޮށްކަމަށް ކަނޑައަޅައި އެއަރޕޯޓް ވިލާއާއި ހަވާލުކުރުމަށް ދެކޯޓުގެ ހުކުމްގައި ވެސް ވެއެވެ.

ވިލާއަށް އެއަރޕޯޓް ދޭން ސުޕްރީމް ކޯޓުން ހުކުމް ކުރިނަމަވެސް މިހާތަނަށް އެތަން އެ ކުންފުންޏާއި ހަވާލުކޮށްފައި ނުވެއެވެ.

ޓްރާސްޕޯޓް މިނިސްޓްރީން ބުނީ އެއްބަސްވުން ފައިނަލް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ. އަދި އަންނަ މަހުގެ ތެރޭގައި ކާޑެއްދޫ އެއަރޕޯޓް ވިލާ އެއަރއާ ހަވާލުކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.