English Edition
Dhivehi Edition

އެމެރިކާއިން އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕް (އައި.އާރު.ޖީ.ސީ)، ޓެރަރިސްޓް ޖަމައާތެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ އެ ގައުމުން ޓެރެރިސްޓުންނަށް ވާގިވެރިވެދެނީ ކަމަށް އިރާނުން ބުނެފިއެވެ.

އެގައުމުގެ ސަރުކާރުން ކޮންމެ ހަފްތާއަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެގައުމުގެ ސަރުކާރު އިސް އޮފިޝަލެއް ކަމަށްވާ މުހައްމަދު ބަކާރު ނޯބަޙްތު ވިދާޅުވީ، ދުނިޔެއިން އިރާނުގެ ރިވޮލިއުޝަނަރީ ގާޑަށް ޝުކުރު އަދާ ކުރަން ޖެހޭ ކަމުގައެވެ.

“އިރާނުގެ ރިވޮލިއުޝަނަރީ ގާޑުން އައިއެސް އާ ދެކޮޅަށްކުރި ހަނގުރާމައަށް ދުނިޔެއިން އެ ޖަމާއަތަށް ޝުކުރުވެރި ވާން ޖެހޭ.” ނޯބަޙްތު ވިދާޅުވިއެވެ.

އެނާ ވިދާޅުވި ގޮތުގައި، މި ހާލަތުގައި އެމެރިކާއިން ރިވޮލިއުޝަނަރީ ގާޑް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ އެއީ އެމެރިކާއިން ޓެރަރިސްޓުންނަށް ވާގިވެރި ވެ ދިނުން ކަމުގައި ދެކޭނެ ކަމަށެވެ.
އަންނަ ހަފްތާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާނާ ބެހޭގޮތުން އެމެރިކާއިން ގެންގުޅޭ ސިޔާސަތު އިއުލާން ކުރުމަށް ވަނީ ހަމަ ޖެހިފައެވެ. އަދި މި އިއުލާނުގައި އިރާނުގެ ރިވޮލިއުޝަނަރީ ގާޑް، ޓެރަރިސްޓް ޖަމާއަތެއްގެ ކަމަށް ކަނޑައަޅާނެ ކަމަށް މުރާސިލުން ލަފާކުރެއެވެ.

އިރާނުގެ ރިވޮލިއުޝަނަރީ ގާޑް އަކީ އިރާނުގެ އަސްކަރީޔާގައި ހިމެނޭ މިނިވަން ޖަމާއަތެކެވެ. އެމީހުންގެ މައިގަނޑު ޒިންމާ އެއްގެ ގޮތުގައި އޮންނަނީ އިރާނުގެ ‘އިސްލާމީ ޖުމުހޫރިއްޔާ’ ހިމާޔަތް ކުރުމެވެ. އަދި މީގެ އިތުރުން އެގައުމުގައި ސިޔާސީ ހަމަ ނުޖެހުންތަކާ ބަޣާވާތް ކުރުން ހުއްޓުވާނީ ވެސް އެ ޖަމާއަތުންނެވެ.