English Edition
Dhivehi Edition

ފާނަބަސަންދު ނުވަތަ ޗިކަން ޕޮކްސް ޖެހޭ މީހުންގެ އަދަދު މިދުވަސްވަރު އިތުރުވާން ފަށާފައިވާ ކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

ފާނަބަސަންދު ޖެހިގެން ފަރުވާ ހޯދާ މީހުން އިތުރުވަމުން އަންނައިރު، ކަމާއި ބެހޭ އިދާރާތަކުން ވަނީ ބަލިން ރައްކާތެރިވުމަށް އިލްތިމާޒުކޮށްފައެވެ.

ފާނަބަސަންދު (ޗިކަން ޕޮކްސް) އަކީ ކޮބާ؟

ފާނަބަސަންދު (ޗިކަން ޕޮކްސް) އަކީ ހާރޕީޒް ވައިރަހުގެ 8 ވައްތަރުގެ ތެރެއިން ވެރިސެލާ ޒޮސްޓަރ ކިޔާ ވައިރަހެއްގެ ޒަރީއާއިން ޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. ފާނަބަސަންދަކީ ވަރަށް ފަސޭހައިން ފެތުރޭ ނުރައްކައުތެރި ބައްޔެކެވެ.

ބަލި އާންމުކޮށް ފެތުރެނީ ކިހިނެތް؟

މި ބަލި އާންމުކޮށް ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ބަލި ޖެހިފައިވާ މީހާ ކެއްސާ ކިނބިހި އެޅުމުގެ ސަބަބުން ނޭވާލާ ނިޒާމުގައިވާ ލޮނދި ފަށަލައިގައި ހުންނަ ޖަރާސީމުތައް އެހެން މީހުންގެ ހަށިގަނޑަށް ވާޞިލުވުމުންނެވެ.އަދި މިބަލި ޖެހިފައި ތިބޭ މީހުންގެ ހަމުގައި ހުންނަ ބްލިސްޓަރސް (ޕޮކްސް) ތަކުން އަންނަ ދިޔަ އެހެން މީހުންގެ ގައިގައި ޖެހި އެތެރެހަށްޓަށް ވައިރަސް ފޯރުމުންވެސް މިބަލި ޖެހެއެވެ.

ފާނަބަސަންދު ޖެހެނީ ކޮންބަޔަކަށް؟

މިއީ ކޮންމެ އުމުރެއްގެ މީހަކަށްވެސް ޖެހިދާނެ ބައްޔެކެވެ. ފާނަބަސަންދުން ރައްކާތެރިވުމަށް ވެކްސިން ޖަހާފައި ނުވާނަމަ ނުވަތަ ކުރިން ފާނަބަސަންދު ޖެހިފައިނުވާނަމަ އެމީހަކަށް ފާނަބަސަންދު ޖެހުމުގެ ފުރުޞަތު ބޮޑެވެ. ކުރިން ފާނަބަސަންދު ޖެހިފައިވާނަމަ އޭގެ ސަބަބުން އެމީހެއްގެ ހަށިގަނޑުގައި ފާނަބަސަންދާއި ދެކޮޅަށް ދިފާޢީބާރު އުފައްދައެވެ.

ބަލީގެ އަލާމަތްތައް ފެންނަނީ ކިހާ ދުވަހަކުން؟

ބަލީގެ ޖަރާސީމު ހަށިގަނޑަށް ވަންނަތާ 14 ނުވަތަ 16 ދުވަސް ފަހުން ބަލީގެ އަލާމާތައް ފެންނަން ފަށައެވެ. ނަމަވެސް ދިފާއީ ބާރު ދަށް މީހުންނަށް މި އަލާމާތްތައް ފެންނަން ފަށަނީ 10 ދުވަހާއި 21 ދުވަހާ ދޭތެރޭގައެވެ.

ބަލީގެ އަލާމަތްތަކަކީ ކޮބާ؟

އެންމެ ފުރަތަމަ ފެންނާނެ ޢަލާމާތްތަކަކީ ހުންއައުމާއި، ބޮލުގައި ރިއްސުމާއި ކަރުތެރެއަށް ތަދުވުމެވެ. މިއާއިއެކު ލޮޑުވުމާއި ކާހިތްނުވުންފަދަ ކަންތައްތައް މެދުވެރިވެ މި ޢަލާމާތްތައް ފެންނަތާ 24-48 ގަޑިއިރު ތެރޭގައި ބުރަކަށި އަދި ބަނޑާއި މޭމަތި ހިމެނޭ ހިސާބުގައި ބިހިތަކާއި ފޮޅުތައް ނަގަންފަށައެވެ.

އެއަށްފަހު ޖެހިގެން އަންނަ 7-10 ދުވަހާއި ދެމެދުގެ މުއްދަތުގެ ތެރޭގައި ފޮޅުތައް ބޮލާއި އަތްފަޔަށް ފެތުރި މި ބިހިތަކާއި ފޮޅުތައް ވަރަށް ބޮޑަށް ކަހައި ހިރުވާން ފަށައެވެ.މި ބިހިތަކުގެ ސަބަބުން ލަކުނު އުފެދޭނީ ހަމައެކަނި ބަލީގެ ސަބަބުން ސެކަންޑަރީ ބެކްޓީރިއަލް އިންފެކްޝަނެއް ކުރިމަތިވީނަމައެވެ.

ބަލީގެ ނުރައްކާ ބޮޑީ ކޮންބަޔަކަށް؟

މި ބަލީގެ ނުރައްކާތެރިކަން އެންމެ ބޮޑީ ތުއްތު ކުދިންނަށާއި ފުރާވަރު ކުދިންނާއި މާބަނޑު މީހުން އަދި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށެވެ. މިބަލި ޖެހުމަށްފަހު ހަށިގަނޑުގައި މި ބަލީގެ ދިފާއީ ނިޒާމު އުފެދުނެއްކަމަކު ހަށިގަނޑުގައި މި ބަލިޖައްސާ ޖަރާސީމު އުޅުމުގެ ސަބަބުން އުމުރުގެ ފަހުކޮޅުގައި ޝިންގްލްސް ކިޔާ ބައްޔެއް ޖެހުމަށް މަގުފަހިވެއެވެ.

ބަލީގެ ފަރުވާ

ފާނަބަސަންދަށް ވަކިން ޚާއްޞަ ފަރުވާއެއް ނެތް ނަމަވެސް ފުރަތަމަ ފޮޅުނަގާތާ 48 ގަޑިއިރުތެރޭގައި ބޭނުންކުރުމުން، ވައިރަސް އިތުރުވިޔަނުދީ ބަލީގެ އަސަރު ކުޑަކޮށްދޭ ބޭސް ހުރެއެވެ.ފާނަބަސަނދާއި ގުޅިގެން ހަމުގައި ނަގާ ބިހިތަކާއި ފޮޅުތައް ވަރަށް ބޮޑަށް ކަހައި ހިރުވުން ލުއިކުރުމަށްޓަކައި ކެލަމިން ލޯޝަން ބޭނުންކުރެވިދާނެއެވެ.

ފިނިފެނުން ފޮޅުތައް ބޮޑިތާން ކޮށް “އޯޓުމީލް ބާތު” ވެސް ދެވިދާނެއެވެ. މީގެ އިތުރުން ހިތިފަތް ފެނުކައްކައި އެ ފެނުން ފެންވަރުވައި އެ ފަތުގެ މަތީގައި ނިދާ ހެދުމަކީވެސް އިތުރު ފޮޅުތައް ނެގުން މަދުކޮށް ބަލި އަވަހަށް ފަސޭހަވުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން ހޫނު އަދި ހުތް ތަކެތި ކެއުން މަދުކޮށް ގިނަ ގިނައިން ދިޔާ ތަކެތި ބުއިމަކީވެސް ބައްޔަށް ލިބޭ އިތުރު ލުޔެކެވެ.

ބަލިން ރައްކާތެރިވުން

މި ބަލިން ރައްކާތެރިވުމުގެ ގޮތުން ބަލިޖެހިފައިވާ މީހުންނާ ގައިގޯޅިނުވެ ބަލައިގެން އުޅުމާއި، ބަލިޖެހިފައިވާ މީހުން، އެހެންމީހުންނާއި ވަކިން ގެންގުޅުމާއި އަދި ބަލިމީހާ ކެއިންބުއިމަށް ބޭނުންކުރާ ތަކެއްޗާއި ނިދާތަން ވަކިން ގެންގުޅުން މުހިއްމެވެ.އަދި ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުމާއި ގިނަގިނައިން އަތްދޮވުމަކީވެސް ބަލިފެތުރުމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅެކެވެ

މިބަލިން ރައްކާތެރިވުމަށް ފާނަބަސަންދު ނުވަތަ ޗިކަންޕޮކްސް ވެކްސިން ޖަހަން ވާނެއެވެ. މިއީ ފާމަސީތަކުން އާންމުކޮށް ލިބެން ހުންނަ ވެކްސިނެކެވެ. މި ވެކްސިން ޖަހަން ސަމާލުވާންޖެހޭ މީހުންނަކީ، މުސްކުޅިންނާއި، މާބަނޑު މީހުންނާއި، ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލިކަށިވެފައިވާ މީހުންނެވެ.