English Edition
Dhivehi Edition

ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަށަށް ގޮސްފައި އޮންނަތާ 8 މަހަށް ފަހު އަނެއްކާވެސް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވެ އެއަދަދު 1200 އިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި 1209 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އެއީ މާލެ އިން ޕޮޒިޓިވް ވި 575 މީހުން ނާއި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 408 މީހުންގެ އިތުރުން ރިސޯޓްތަކުން 155 މީހުންނާއި ސަފާރީތަކުން ހަތަރު މީހުން ނެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 103581 އަށް އަރާފައެވެ.

އަލަށް ކޯވިޑް ޖެހުނު މީހުންނާއެކު ބަލީގައި ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރު ވަނީ އިތުރުވާން ފަށާފައެވެ. އެކްޓިވް ކޭސްތައް 5،975 ގައި ހުރިއިރު އޭގެ ތެރެއިން ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން 26 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަދި ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް 265 މީހުން ވަނީ މަރުވެފައެވެ.

ކޮވިޑުގެ ހާލަތު އަނެއްކާވެސް ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނަ މި ދުވަސްވަރުގައި ހުން އައިސް ބޭރަށް ހިންގުމުގެ ރޯގާއެއް ވެސް އަންނަނީ މާލެ ހިމެނޭ ގޮތުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ފެތުރެމުންނެވެ. މީގެ އިތުރުން ކޮވިޑްގެ އައު ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯން ރާއްޖޭގައިވެސް ފެތުރެމުން އަންނާތީ ކޮވިޑުން ދިފާޢުވުމަށް އަޅާ ފިޔަވަޅުތަކަށް ސަމާލުވުމަކީ މުހިއްމުކަމެކެވެ. އެގޮތުން ބަލީގެ ޢަލާމާތްތައް ހުރި މީހެއްނަމަ ވީއެންމެ އަވަހަކަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން މީހުންގެ ތެރެއަށް ނިކުމެ ނޫޅުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.