English Edition
Dhivehi Edition
އައްޑޫ ސިޓީގައި 1000 އާއި 2000 އާއި ދެމެދުގެ ސޯޝަލް ހައުސިންގް ޔުނިޓް އެޅުމަށް އައްޑޫސިޓީ ކައުންސިލް އާއި ޗައިނާގެ ބީ.ޔޫ.ސީ.އެން.ޖީ ކުންފުންޏާއި ދެމެދުވެވުނު ފްރޭމްވޯކް އެގްރީމަންޓްގައި ސޮއިކުރުމުގެ ތެރެއިން: ފޮޓޯ އަލީ ނާސިރު/ އޭއޯ ނިއުސް،

އައްޑޫ ސިޓީގައި 1000 އާއި 2000 އާއި ދެމެދުގެ ސޯޝަލް ހައުސިންގް ޔުނިޓް އެޅުމަށް ޗައިނާގެ ކުންފުންޏަކާއެކު ސޮއިކޮށްފިއެވެ. އައްޑޫ ސިޓީ ކައުންސިލްގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި މިމަޝްރޫއުގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއި ކުރީ ޗައިނާގެ ބީޔޫސީއެންޖީ ކުންފުންޏާ އެކުގައެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު މީޑިއާ އަށް މައުލޫމާތު ދެއްވަވަމުން މޭޔަރ އަލީ ނިޒާރު ވިދާޅުވީ އައްޑޫސިޓީ ކައުންސިލާ ހަވާލުވެގެން މަސައްކަތް ކުރެވުނު 7 މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ ޝަކުވާ އައިސްފައިވަނީ ގެދޮރުވެރިކަމުގެ މައްސަލަތަކުގައި ކަމަށާއި މި މަޝްރޫއާއެކު ގިނަ ބަޔަކަށް ދިމާވެފައިވާ އެ މައްސަަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

“ކައުންސިލާ ހަވާލުވިފަހުން މުޅި ކައުންސިލުން ވެސް އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދިޔައީ އައްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށް. މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތަށް ނިންމާލެވިއްޖެނަމަ ކުރިއަށް އޮތް 30 އަހަރު ދުވަހާ ހަމައަށް ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ލިބިގެންދާނެ”

މީގެ އިތުރުން މޭޔަރ ވިދާޅުވީ ޗައިނާ ކުންފުންޏާ އެކު އަދި އެއްބަސްވުމެއް ހެދީ ސޯޝަލް ހައުސިން މަޝްރޫއު ކުރިއަށް ގެންދެވިދާނެ ގޮތްތަކެއް ހޯދަން ކަމަށްވާތީ ފްލެޓް އަޅާނެ އަދަދެއް އެނގޭނީ އެ މަސައްކަތް ނިމުމުން ކަމަށެވެ. ސޯޝަލް ހައުސިންގެ މަސައްކަތް އައްޑޫގައި ކުރިއަށް ގެންދާނީ ބީޔޫސީއެންޖީގެ ފަރާތުން ކަމަށާއި އެ ކުންފުނީގެ މަސައްކަތް ފެށޭނެ ސީދާ ދުވަހެއް އަދި މިވަގުތު ދަންނަވަން ދަތި ކަމަށެވެ.

އައްޑޫސިޓީ ކައުންސިލާ ހަވާލުވެ ލެއްވުމަށްފަހު މޭޔަރު ނިޒާރު އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ އައްޑޫ ސިޓީ ކައުންސިލްގެ މިދައުރުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ކަމަށެވެ. އެގޮތުން އައްޑޫގައި މަދުވެގެން 2،000 ފްލެޓް އެޅިއްޖެނަމަ ބޯހިޔާވަހިކަމުގެ މައްސަލަ އަށް މިވަގުތަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށްވެސް މޭޔަރ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ؛