English Edition
Dhivehi Edition

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ، އެންމެ މަގުބޫލު އެއް ޑްރާމާ ސިލްސިލާ ‘އިމްލީ’ އިން ގިނަ ބައެއްގެ ލޯތްބާއި ތައުރީފު ހޯދާފައިވާ ގަޝްމީރު މަހާޖާނީ(އަދިތްޔާ) އެ ޑްރާމާއިން ވަކިވާން ނިންމާފިއެވެ.

ގަޝްމީރު އެ ޑްރާމާ ދޫކޮށްލާ ހަބަރާއެކު އޭނާގެ ފޭނުންނަށް ބޮޑު ހިތާމައެއް ލިބިފައިވާއިރު ޓީއާރްޕީ ރޭޓިންގެ ގަދަ ފަހެއްގައި ހިމެނޭ މި ޑްރާމާއިން އޭނާ ވަކިވާން ނިންމީ އެހެން މަސައްކަތްތަކަށް ވަގުތު ދިނުމަށްކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ. ތަމަޅަ ފިލްމުތަކާއި ވެބް ސީރިސްތައްވެސް ކުޅެމުން އަންނަ ގަޝްމީރު މި ޑްރާމާއަށް އެއްބަސްވީ، އެ ފަދަ އެހެން މަސައްކަތްތަކަށްވެސް ވަގުތު ދެވޭ ގޮތަށް ޝަރުތުކޮށެވެ. އަދި މި ޑްރާމާ ފެށިއިރު، ޕްރޮޑެކްޝަން ޓީމުންވެސް އެކަމަށް އެއްބަސް ވެފައިވާއިރު، ފަހުން ޑްރާމާގެ ޓީއާރްޕީ ރޭޓް މަތިވެ ގިނަ ވަގުތު ‘އިމްލީ’އަށް ދޭންޖެހުމުން ގަޝްމީރުއަށް އެހެން މަސައްކަތްތަކަށް އެއްވެސް ވަގުތެއް ދެވިފައެއް ނުވެއެވެ.

މި ޑްރާމާގެ ޝޫޓިންގައި ގަޝްމީރު ބައިވެރިވާނެ އެންމެ ފަހުގެ ތާރީހު އަދި ހާމަކޮށްފައި ނުވި ނަމަވެސް އޭނާގެ ބަދަލުގައި އަދިތްޔާގެ ރޯލުން ދެން ފެނިގެންދާނީ ‘އިޝްގުމެ މަރްޖާވާ2’ ކުން ގިނަ ބައެއްގެ ސަމާލުކަން ހޯދި މާނަވްކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ. މީގެ ކުރިން ގަޝްމީރުގެ ބަދަލުގައި އަދިތްޔާގެ ރޯލުން ފެނިގެންދާނީ ‘ހަމާރީ ވާލީ ގުޑް ނިއުސް’ގެ އެކްޓަރު ރާގަވްކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ، އެހެންނަމަވެސް ފަހުން އެ ރޯލް މާނަވްއަށް ދީފައިވާކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.

އިމްލީގައި އަދިތްޔާގެ ރޯލުން، ބެލުންތެރިންނަށް އެހެން ތަރިއަކު ގެނެސް ދިނުމަށް ޑްރާމާގެ ޓީމުން ތައްޔާރުވަމުން އަންނައިރު، އާ ތަރިއެއް ގެނެސްދޭނެ ގޮތަކާއި މެދުވެސް ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. މި ގޮތުން ބައެއް ފަރާތްތަކުން ބުނެފައިވަނީ އަދިތްޔާގެ ރޯލުން އެހެން މޫނެއް ބެލުންތެރިންނަށް ގެނެސްދިނުމަށް ޑްރާމާގެ ވާހަކައަށް ބޮޑު ބަދަލެއް ގެންނާނެކަމަށެވެ. އެހެންނަމަވެސް މި ވާހަކަތަކާއި ގުޅިގެން ޑްރާމާގެ ޓީމުން އެއްވެސް ކަހަލަ ވާހަކައެއް ދައްކާފައެއް ނުވެއެވެ.

2020 ވަނަ އަހަރު ސްޓާޕްލަސް އިން ގެނެސްދޭން ފެށި އިމްލީ އަކީ ރަށްފުށުގެ ވަރަށް އާދައިގެ ނިކަމެތި އާއިލާއެއްގެ އަންހެން ކުއްޖެއްގެ ދިރިއުޅުމުގައި ދިމާވާ ގިނަ ހަދިސާތަކެއް ދައްކުވައިދޭ ޑްރާމާއެކެވެ،