English Edition
Dhivehi Edition

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ އެންމެ މަގުބޫލު އެއް ޝޯ ‘އިމްލީ’ގެ ލީޑް ދެ ތަރިން އެ ޑްރާމާ ދޫކޮށްލަން ނިންމި ހަބަރަކީ އެ ޑްރާމާ ބަލަމުން އަންނަ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު މާޔޫސްކަމެކެވެ،

އިމްލީގެ ރޯލު ކުޅޭ ސުމްބުލް ތައުގީރާއި އަރްޔާންގެ ރޯލުގައި އުޅޭ ފަހްމާން ޚާން އަކީ ގިނަ ބައެއްގެ ލޯތްބާއި ތަރުހީބު ލިބެމުން އަންނަ ޖޯޑެކެވެ. އެހެންނަމަވެސް މި ޑްރާމާ އިން ވަކިވާން އުޅޭ ކަމަށް މި ދެ ތަރިންވެސް އިއުލާންކޮށްފައިވާއިރު، އެ ނިންމުން ނިންމާފައިވަނީ ޑްރާމާގެ ޕްރޮޑިއުސަރުން ބޮޑު ލީޕެއް ގެންނަން އުޅޭތީއެވެ. އެ ޑްރާމާގެ ސްކްރިޕްޓަށް ބޮޑު ބަދަލެއް ގެނެސް ‘އިމްލީ’ ގެ ފުރަތަމަ ސީޒަން ނިންމާލުމަށްފަހު، ޑްރާމާގެ ދެވަނަ ބައެއް ބެލުންތެރިންނަށް ގެނެސްދިނުމަށް ޑްރާމާގެ ޕްރޮޑިއުސަރުން ދަނީ ތައްޔާރުވަމުންނެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން، މި ޑްރާމާގައި އިމްލީ އާއި އަރްޔާންގެ މެދުގައި ޖެހިގެން އުޅޭ މައްސަލަ ހައްލުކުރެވި، އެ ދެމީހުންނަށް އަންހެން ދަރިއަކުވެސް ލިބެއެވެ. އަދި މިހާރު ޑްރާމާގައި ކުޑަކުއްޖެއްގެ ރޯލުން ފެނިގެންދާ ޗީނީ އަކީ، ޑްރާމާގައި އުޅޭ މާލިނީގެ ދަރިއެއްކަން އޭނާއަށް އެގިގެންދެއެވެ. އިމްލީ އާއި ޗީނީގެ މެދުގައި ހިތްހަމަނުޖެހުންތައް އުފެއްދުމަށް މާލިނީ މަސައްކަތްކުރެއެވެ. މާލިނީގެ މޮޅު ރޭވުމާއެކު އިމްލީގެ ދަރިފުޅާއި ޗީނީގެ ފުރާނައަށް ނުރައްކާވާ ކަހަލަ ހާދިސާއެއް ކުރިމަތިވެގެން ދާއިރު ޗީނީ އަށް އިމްލީ އޭނާ ދެކެ ލޯބި ނުވާކަމުގެ އިހްސާސްކުރެވެއެވެ.

އިމްލީގެ އާއިލާއަށް އަންނަ ނުރައްކާތަކުން، ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އިމްލީ އާއި އާރްޔަން މަރުވެގެންދާއިރު، ޑްރާމާގެ ދެވަނަ ބައިން ފެނިގެންދަނީ އެމީހުންގެ ކުދިން ބޮޑެތިވެފައި ވަނިކޮށެވެ. އަދި ޗީނީގެ ހިތުގައި އިމްލީގެ ދަރިފުޅާއި މެދު އުފެދުނު ހިތްހަމަނުޖެހުންތައް މި ޑްރާމާގެ ދެން އަންނަ ބަޔަކުން ފެނިގެންދާނެކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.

‘އިމްލީ’ އަށް ބޮޑު ބަދަލެއް ގެންނަން ޑްރާމާގެ ޕްރޮޑަކްޝަން ޓީމުން ނިންމާފައިވާއިރު ސުމްބުލް އާއި ފަހްމާން ޚާން ނެތުމުގެ ފަޅުކަން ވަރަށް ބޮޑުވާނެކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި ޑްރާމާއަށް ގެންނަން އުޅޭ އާ ތަރިންނަށް އެމީހުންގެ ފަޅުކަން ފިލުވައިދީ ޑްރާމާގެ ޓީއާރްޕީ އެއްވަރެއްގައި ހިފެހެއްޓޭނެތޯވެސް ގިނަ ބަޔަކު އަންނަނީ ސުވާލުކުރަމުންނެވެ.

ޓެގު