English Edition
Dhivehi Edition

ގދ. ތިނަދޫގައި އިންޑަސްޓްރިއަލް ޒޯނެއް ގާއިމުކުރަން ބިން ހިއްކައި އެއްގަމު ތޮށިލުމުގެ ބޮޑު މަޝްރޫއެއް ފެށުމަށް ސަރުކާރުގެ މައި ކޮންސްޓްރަކްޝަން ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނީ 125.2 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 219،595 އަކަމީޓަރުގެ ސަރަހައްދެއްގައި ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 1،336 މީޓަރުގެ ސަރަހައްދަކާއި، ހުޅަނގު ދެކުނު ފަރާތުގައި 468 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެއިތުރުން މި މަޝްރޫއުގެ ދަށުން 284 މީޓަރު އެއްގަމު ތޮށިލުމާއި އެއް ކޮންކްރީޓް ބްރިޖް އެޅުން ހިމެނެއެވެ.

މި މަސައްކަތް އެމް.ޓީ.ސީ.ސީ އާއި ހަވާލުކުރުމަށް އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް އަހުމަދު ތޮލްހަތު އެވެ. އަދި އެމް.ޓީ.ސީ.ސީ ގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީޕް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމް އެވެ.

ޕްލޭނިން މިނިސްޓްރީން އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު ނިންމުމަށް ހަވާލުކޮށްފައިވަނީ 660 ދުވަސް (22 މަސް ދުވަސް) ތެރޭގައި ނިންމުމަށެވެ.