English Edition
Dhivehi Edition

‎ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ޗައިނާއަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިއްޖެއެވެ.

‎ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ދައުވަތަކަށް މިހާރު ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ސޮއިކުރެވުނު ވިސާ އެގްޒެމްޝަން އެއްބަސްވުމުގެ ދަށުން، ދިވެހިންނަށް ޗައިނާއަށް ދިޔުމުން 30 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭނެއެވެ.

މިއީ ދިވެހިންނަށް ރާއްޖެއިން ބޭރަށް ދަތުރުފަތުރުކޮށް އުޅުމުގައި ލުއި ގޮތްތައް ހޯދައިދިނުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިޔަ 5 ވަނަ ގައުމެވެ. 2018 ނޮވެމްބަރު މަހުގެ ފަހުން ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިޔާ، ތައިލެންޑް އަދި މޮރޮކޯ އިން ދިވެހިންނަށް އޮން-އެރައިވަލް ވިސާ ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

‎މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހްގެ ސަރުކާރުން ކުރެއްވި މަޝްވަރާތަކަށްފަހު ސައޫދީޢަރަބިއްޔާ، އިންޑިއާ އަދި ސްރީލަންކާއަށް ދަތުރުކުރުމުގައި ދިވެހިންނަށް ވިސާގެ ލުއިފަސޭހަ ގޮތްތައް ވަނީ ހަމަޖެހިފައެވެ.

‎ކޮވިޑް-19ގެ ސަބަބުން ޗައިނާއިން މިވަގުތު ދަތުރުފަތުރުކުރުމުގައި ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވުމާއި އެކު، އޮން-އެރައިވަލް ވިސާ ދޫކުރަން ފަށާނީ، މިފިޔަވަޅުތަކަށް ލުއިދޭ ހިސާބުންނެވެ.