English Edition
Dhivehi Edition

2022 ވަނަ އަހަރުގެ ކަލަންޑަރު ދިރާގުން ނެރެފިއެވެ.

ކޮންމެއަހަރަކު ވެސް ތަފާތު ކޮންސެޕްޓްތަކަކަށް ކަލަންޑަރު ނެރެމުން އަންނަ ކުންފުނި ދިރާގުން އަންނައަހަރުގެ ކަލަންޑަރު ޚާއްސަކުރެވިފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލަށެވެ.

ފަތުރުވެރިކަމުގެ ސިނާޔަތުގެ ތަރައްގީގައި ފާހަގަކޮށްލެވޭ 12 ލަނޑުދަނޑިއަކަށް އަލިއަޅުވާލައި ފަރުމާކޮށްފައިވާ މި ފުރިހަމަ ކަލަންޑަރު ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް އަށް މިއަދު ދިރާގުންވަނީ ހަދިޔާ ކޮށްފައެވެ.

މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމް ވިދާޅުވީ ދިރާގަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތަރައްޤީގެ މުހިންމު ބައިވެރިޔާ ކަމަށާއި ރާއްޖޭގައި އުފެދުނު އެންމެ ފުރުތަމަ މުއާޞަލާތީ ޚިދުމަތްދޭ ކުންފުނީގެ ހައިސިއްޔަތުން ބޭރުދުނިޔެއާއި ރާއްޖެ ގުޅުވާލުމުގައި މުހިންމު ދައުރެއްވަނީ އަދާކޮށްފައި ކަމަށެވެ. އަދި 2022 ވަނަ އަހަރުގެ ދިރާގު ކަލަންޑަރު ފަތުރުވެރިކަމުގެ ރަންއަހަރަށް ޚާއްސަކުރި ކަމީ ދިރާގާއި ފަތުރުވެރިކަމުގެ ޞިނާއަތާއި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭކަމެއް ކަމަށެވެ.

“މިކަލަންޑަރު ފަރުމާ ކުރުމުގައި ފަތުރުވެރިކަމުގެ މުޙިއްމު މަރުޙަލާތައް ދައްކުވައިދީފައިވާތީ މި ކަލަންޑަރު ފަތުރުވެރިކަމުގެ ރަންއަހަރާއި ވަރަށް ގުޅޭ. ދިރާގާއި ޓޫރިޒަމް މިނިސްޓްރީއާއި ބާއްވަމުންދާ ޚާއްސަ ގުޅުމަށް ނިހާޔަތަށް ޝުކުރު ދަންނަވަން.” ޑރ. އަބްދުﷲ މައުޞޫމް ވިދާޅުވިއެވެ.

ދިރާގުގެ ޗީފް ކޮމަރޝަލް އޮފިސަރ ޢަލީ ރިޔާޒު ވިދާޅުވީ ދިރާގުން 2022 ވަނަ އަހަރުގެ ކަލަންޑަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލަށް ޙާއްސަކުރުމަށް ނިންމީ ފާއިތުވެދިޔަ 50 ކާމިޔާބު އަހަރުގެ ތަރައްގީ ފާހަގަކޮށް މި ދާއިރާގައި މަސައްކަތްކުރާ ހުރިހާ ބޭފުޅުންގެ ބުރަ މަސައްކަތް އަގުވަޒަންކުރުމުގެ ގޮތުން ކަމަށެވެ.

ދިރާގަކީ އަބަދުވެސް ރާއްޖޭގެ އެކި ސިނާޔާތްތަކުގެ ކުރިއެރުން ފާހަގަކޮށް އެ މަސައްކަތުގެ އަގުވަޒަން ކުރަމުންއަންނަ ދިވެހި މުއާސަލާތީ ޚިދުމަތްދޭ ކުންފުންޏެކެވެ.

ޓެގު