English Edition
Dhivehi Edition

ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަގިއްޔު، މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހިފައިވީ ނަމަވެސް އޭނާގެ ބަންދަށް މި ވަގުތު ލުޔެއް ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މަސްޖަރީ-2″ ނަމަކަށް ކިޔާ ދޯނީގައި 2020 ވަނަ އަހަރު ޑިސެމްބަރު މަހު 08 ވަނަ ދުވަހު ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި އިރުފާނު ހައްޔަރުކޮށްފައިވާއިރު އޭނާގެ އިތުރުން 9 މީހަކު ވަނީ މި މައްސަލައިގައި ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ މި މީހުންގެ ތެރެއިން އިރުފާން ތަގިއްޔު އާއި މުހައްމަދު ވިޝާމް އަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް ތިބި ދެ މީހުން ކަމަށެވެ.

އިރުފާންގެ މައްޗަށް ތުހުމަތުކުރެވޭ، މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލައިގެ ތަހުގީގު ނިންމައި 2021 ފެބްރުއަރީ 03 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައި، 2021 ފެބްރުއަރީ 14 ގައި ވަނީ ދައުވާ އުފުލާފައެވެ. އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައިވާއިރު، އޭނާގެ ބަންދު މުރާޖައާ ކުރުމަށް މިއަދު ބޭއްވި އަޑުއެހުމެއްގައި އިރުފާނުގެ ވަކީލް އަލީ ޝާހު ވަނީ އޭނާގެ މުވައްކިލުގެ ބޭސްފަރުވާއަށް ދައުލަތުން އިހުމާލުވެފައިވާކަމަށް ވިދާޅުވެފައެވެ، އަދި އެ މައްސަލައިގައި އިރްފާނު ހައްޔަރު ކުރުމުގެ ކުރިން ވެސް މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޑޮކްޓަރު ލަފާދީފައިވާކަން ފާހަގަކޮށް ވަކީލު ވަނީ ވަކި މުއްދަތަަކަށް އިރުފާނު ދޫކޮށްލުމަށް ޝަރީއަތުގެ މަޖިލީހުގައި އެދިފައެވެ.

ޑޮކްޓަރުންނާ ހަވާލާދެއްވާ ވަކީލު ވިދާޅުވީ, އިރުފާނުގެ މައިބަދައިގެ ޑިސްކުތައް ދުވަހެއް ދުވަހަކުން ފީވަމުންދާ ކަމަށާއި އެހެންކަމުން އެ އޮޕަރޭޝަން ނުކޮށް ވާން ނެތް ކަމަށެވެ. އަދި އޮޕަރޭޝަން ކުރުމުގެ ކުރިން އިޖުރާއަތްތައް ފުރިހަމަ ކުރަންޖެހޭކަން ފާހަގަކޮށް ވަކީލު ވަނީ އިރުފާނުގެ އޮޕަރޭޝަންކޮށް ގަދަވަން ދެން ގޭ ބަންދަށް ނަމަވެސް ދޫކޮށްދިނުމަށް އެދިފައެވެ.

އެހެންނަމަވެސް ދައުލަތުން ވަނީ އިރުފާންގެ ބަންދަށް ލުޔެއް ދިނުމަށް އިންކާރު ކޮށްފައެވެ. ދައުލަތުން އިރުފާނުގެ ބޭސްފަރުވާއަށް އިހުމާލުވެފައިނުވާކަމަށް ވިދާޅުވެ ދައުލަތުގެ ވަކީލު ވަނީ އޭނާއަކީ އެ މައްސަލައިގެ އެންމެ އިސް އެކަކުކަން ފާހަގަކޮށްފައެވެ. އަދި އޮޕަރޭޝަން ކުރުން ލަސްވެފައިވަނީ ކޮވިޑް-19އާ ގުޅިގެން މާލެ ޖަލު އެއްކޮށް ކަރަންޓީނު ކުރަން ޖެހުމުންކަމަށް ވިދާޅުވެފައެވެ.

ދެ ފަރާތުގެ ވާހަކަތަކަށްފަހު ގާޒީ ވިދާޅުވީ, އިރުފާނަށް މިހާރުން މިހާރަށް ވެސް ބޭސްފަރުވާ ލިބެންޖެހޭކަން ދެ ފަރާތުގެ ވާހަކައިން އެނގޭ ކަމަށެވެ. އެހެން ކަމުން އޮޕަރޭޝަނާ ހަމައަށް ދިއުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށް ގާޒީ ވަނީ އަމުރުކޮށްފައެވެ. އިތުރަށް ގާޒީ ވިދާޅުވީ އެހިސާބަށް ދިއުމުން ބަންދާ މެދު އިތުރަށް ގޮތެއް ނިންމާނެ ކަމަށެވެ.

1 ކޮމެންޓް
ޞަކަބެ
ޑިސެމްބަރު 28, 2021
ތިޔަ ސާހު ތީ ފައްކާ ޖާހިލެއް މިކަހަލަ ހުރިހާ ޢެންމެންގެ ދިފާއުގައި