English Edition
Dhivehi Edition
ދިރާގު ޕޭ ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު

މޮބައިލް ފޯނު ބޭނުން ކޮށްގެން ފައިސާ ދެއްކޭ “ދިރާގު ޕޭ” ޚިދުމަތް އެ ކުންފުނިން މިއަދު ލޯންޗުކޮށްފި އެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ “ދިރާގު ޕޭ” އިފުތިތާހުކޮށްދެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ މިއީ ވަރަށް މުހިންމު އަދި ބޭނުންތެރި ހިދުމަތެއްކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ “ދިރާގު ޕޭ” ހިދުމަތަކީ ރާއްޖޭގެ އެންމެ ފުރިހަމަ މޯބައިލް ޕޭ ހިދުމަތެވެ.

ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދެއްކުމާއި ފައިސާ ފޮނުވޭނެ އެވެ. އަދި ސްމާޓް ފޯނު ބޭނުން ނުކުރާ ފަރާތްތަކަށް ވެސް ދިރާގު ޕޭގެ ހިދުމަތް ބޭނުން ކުރެވޭނެ އެވެ. އެގޮތުން ފޯނުގައި *777# ޖަހައިގެން ހިދުމަތް ލިބިގަނެވޭނެ އެވެ. ނުވަތަ ދިރާގު ޕޭގެ އެޕްލިކޭޝަން މެދުވެރިކޮށް ވެސް އެ ހިދުމަތަށް ރަޖިސްޓާ ކުރެވޭނެ އެވެ. އެގޮތަށް ރެޖިސްޓާ ކުރާ ފަރާތްތަކަށް 5000 ރުފިޔާ ބޭނުން ކުރެވޭނެ އެވެ. ނަމަވެސް ދިރާގަށް ގޮސް ރެޖިސްޓާ ކުރާ ފަރާތްތަކަށް 20،000 ރުފިޔާއާ ހަމަޔަށް ބޭނުން ކުރެވެ އެވެ.
މި ޚިދުމަތަކީ ހަފުތާގެ ހަތް ދުވަހު 24 ގަޑިއިރު ބޭނުންކުރެވޭނެ ހިދުމަތެކެވެ. އަދި އެއީ ރައްކާތެރި ހިދުމަތެއް ކަމަށާއި ހުރިހާ މޯބައިލް ފޯނަކުންވެސް އެ ހިދުމަތް ބޭނުން ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ. ދިރާގު ޕޭ ހިދުމަތް ފަށާފައިވަނީ 100 އަށް ވުރެ ގިނަ މާޗެންޓުންނާއި އޭޖެންޓުންނާއެކުގައެވެ.

ރާއްޖޭގައި 800،000 އެކްޓިވް މޯބައިލް ފޯނު ބޭނުންކުރާއިރު އޭގެ ތެރޭގައި ގިނައީ ދިރާގު ކަސްޓަމަރުންކަން ފާހަގަ ކުރައްވަމުން އިސްމާއިލް ރަޝީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ބޭންކިން ހިދުމަތް ނުލިބޭއިރު މޯބައިލް ޕޭ ހިދުމަތަކީ ވަރަށް މުހިންމު އަދި ފައިދާކުރަނިވި ހިދުމަތަކަށް ވެގެންދާނެ ކަމަށެވެ.

ޓެގު