English Edition
Dhivehi Edition
އަޞްލު ލިއްޔުވީ: ޢަބްދުލްކަހީލް
ތަރުޖަމާ: ޢަބްދުﷲ މުޞްލިޙު/

ހުޅަނގުގެ ބައެއް މީހުން ދެކޭގޮތުގައި ރޯދަހިފުމަކީ، އިންސާނާގެ ހަށިގަނޑަށް ވޭންތަކެއް ދީ އޭގެ ސަބަބުން ގެއްލުންތަކެއް ހަށިގަނޑަށް ލިބޭކަމެކެވެ. އަދި މިކަމުގެ ސަބަބުން ބަނޑުގައި ވައި އުފެދުމާއި ވަރުބަލިވެ ހާންތިވުން ފަދަ ކަންތަކާވެސް ކުރިމަތިކުރުވާ ކަމެކެވެ. ނަމަވެސް މިއީ، އެމީހުންގެ އަނގަމަތީ ގޮވެލިފަތިތަކެއް ކަމުގައި ވިއަސް މި ޒަމާނުގެ ހުޅަނގުގެ ހޯދުންތެރިން ވަނީ ރޯދަހިފުމުން ލިބެނީ ގެއްލުން ތޯ ނުވަތަ ފައިދާ ތޯ ދިރާސާކޮށް ފައެވެ. މި ލިޔުމުގައި އަޅުގަނޑު ބަލައިލާނީ ފަހުގެ ތާރީޚުތަކުގައި ސައިންސުވެރިން ކޮށްފައިވާ މިފަދަ ދިރާސާތަކަށެވެ.

ޔުނިވަރސިޓީ އޮފް ސަދަން ކެލިފޯނިޔާ (University of Southern California ) ގެ ސައިންސުވެރިން، ރޯދަ ހިފުމާއި ގުޅޭފޮތުން 2014 ވަނަ އަހަރު، ކުރި ދިރާސާތަކުން ހާމަވި ގޮތުގައި، ރޯދަހިފުމަކީ، އިންސާނާގެ ހަށިގަނޑުގައިވާ ސްޓެމް ސެލް ( Stem Cell ) އާކޮށްދީ، އަދި ކެންސަރު ޖެހުމަށް ނުވަތަ ކެންސަރުން އިންސާނާގެ ހަށިގަނޑު ދިފާޢުކޮށްދޭކަމެކެވެ. މި ދިރާސާތަކުގައި ބައިވެރި ސައިންޓިސްޓުން ހާމަކުރި ގޮތުގައި ރޯދަހިފުމުގެ ސަބަބުން މިހާ ޚާއްޞަ ކަންތައްތަކެއް ހިމެނިފައިވާނެކަމަށް އުއްމީދެއް ނުކުރެއެވެ. އެ ގޮތުން ރޯދަހިފުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑުގައިވާ ސެލްތައް އާކޮށްދީ، އިންސާނާގެ ހަށިގަނޑުގައިވާ ކެންސަރު ޖައްސާ ސެލްތައް، ކެންސަރަށް ބަދަލުވުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. ނެޝަނަލް އިންސްޓިޓިއުޓް އޮން އޭޖިން (National Institute on Aging ) ގެ ސައިންސުވެރިގެ ހޯދުންތަކުން ހާމަވި ގޮތުގައި ރޯދަހިފުމަކީ، ސިކުނޑީގެ ތަފާތު ބަލިތައް ޖެހުމުން ދުރުކޮށްދީ، ސިކުނޑީގެ ބަލިތަކަށް ފަރުވާ ލިބިދޭކަމެކެވެ. މި ގޮތުން ހަނދާނެތުމާއި، ސިކުނޑިގެ ސެލްތައް މަރުވުމާއި އެލްޒައިމަރ ( Alzheimer ) ފަދަ ސިކުނޑީގެ ބަލިތަކުންޖެހުމުން ރައްކާތެރިކޮށްދޭކަމެކެވެ. އަދި މި ދިރާސާތައްކުރި ސައިންސުވެރިން ވިދާޅުވާގޮތުގައި، ކޮންމެ ހަފުތާއަކު ދެ ދުވަހު ރޯދައަށް ހުރުމަކީ، ސިކުނޑީގެ ބަލިތައް ޖެހުމުން ރައްކާތެރިކޮށްދީ، ސިކުނޑީއަށް ދިމާވާ މައްސަލަތައް ހައްލުކޮށްދޭކަމެކެވެ. ފަހުގެ ސައިންސުވެރިން ހާމަކުރައްވާ ގޮތުގައި ރޯދަހިފުމަކީ، ހިތުގެ ބަލިތައް ޖެހުމާއި ސްޓްރޯކް ޖެހުމާއި ހިތް ހުއްޓުން ފަދަ ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭކަމެކެވެ. އަދި ހަކުރުބަލި (diabetes ) ޖެހުމުންވެސް ރައްކާތެރިކޮށްދޭކަމެކެވެ. ނެޝަނަލް އިންސިޓިއުޓް އޮން އޭޖިން (National Institute on Aging ) ފަރާތުން ނެރޭ، ސައިންޓިފިކް ޖާނަލް އޮފް އޭޖިން (scientific journal of aging ) ގައި ހާމަކޮށްފައިވާގޮތުން ރޯދަ ހިފުމަކީ ކެންސަރު ޖެހުމާއި ކެންސަރަށް ޚާއްޞަ ފަރުވާއެއް ދޭ ކަމެކެވެ. އަދި ނެޝަނަލް އިންސްޓި ޓިއުޓް އޮން އޭޖިން (National Institute on Aging ) ގެ ސައިންސުވެރިން ހާމަކުރައްވާގޮތުގައި ރޯދަ ހިފުމަކީ، އުރަމަތީ ކެންސަރ (breast cancer ) ޖެހުމުންވެސް ދުރުކޮށްދޭ ކަމެކެވެ. މީގެ އިތުރުން ޔުނިވަރސިޓީ އޮފް ސަދަން ކެލިފޯނިޔާ ޔޫ.އެސް.ސީ (University of Southern California USC ) ގެ ސައިންސުވެރިން ހާމަކުރައްވާގޮތުގައި ރޯދަ ހިފުމަކީ، ކެންސަރުބަލީގެ ޝިކާރައަށް ވެފައިވާ މީހުންނަށް ދޭ ފަރުވާގެ ތެރޭގައި ހިމެނޭ ރޭޑިޔޯތެރަޕީ (radiotherapy ) އާއި ކީމޯތެރަޕީ (chemotherapy ) އަށް، ހަށިގަނޑު އިޖާބަދިންނުން އިތުރުކޮށްދޭވެސް ކަމެކެވެ. ސައިންސްވެރިން ހާމަކުރައްވާގޮތުގައި، ތިން ދުވަހު ރޯދައަށް ހުރުމީ ނުވަތަ ރޯދަ ހިފުމަކީ އިންސާނާގެ ހަށިގަނޑުގެ ދިފާޢީ ނިޒާމް (immune system ) އާކޮށްދީ، ބަރުގަދަ ކޮށްދޭވެސް ކަމެކެވެ. ޔުނިވަރސިޓީ އޮފް މެންޗިސްޓަރ (University of Manchester ) ގެ ސައިންވެރިން ވިދާޅުވާގޮތުގައި ރޯދަހިފުމަކީ، އަންހެނުންނަށް، އެ މީހުންގެ ބަރުދަން އެއްވަރެއްގައި ހިފައްޓައިދޭ ކަމެކެވެ. އަދި ހަށިގަނޑުގައި ދައުރުވާ ލޭގައި ހުންނަ ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދީ، ދިފާޢީ ނިޒާމު ރައްކާތެރިކޮށްދީ، ހަނދާންގަދަ ކޮށްދޭކަމެކެވެ. މި ދިރާސާކުރެއްވެވި ބޭފުޅުން ވަނީ، ކޮންމެ ހަފުތާއަކު ދެ ދުވަހު ނުވަތަ 12 ގަޑިއިރު ނުވަތަ 14 ގަޑިއިރު ރޯދައަށް ހުރުމަށް އިރުޝާދުދެއްވާފައެވެ. މި އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ނޭޗަރ މެޑިސިންގެ ޢިލްމުވެރިޔަކު ޝާއިޢު ކުރައްވާ ފައިވާ ބަޔާނެއްގައި ވަނީ، ރޯދަ ހިފުމަކީ ހަކުރުބަލިން އިންސާނާގެ ހަށިގަނޑު ރައްކާތެރިކޮށްދީ، ހަނދާންނެތުމުގެ ބަލިން ދުރުކޮށްދީ، ހަށިގަނޑުގައިވާ ދިފާޢީ ސެލްތައް، ބަލިޖައްސާ ސެލްތަކަށް ކުރިމަތިލާ ކުރިތިލުމަށް އިތުރު ބާރެއް ގެނެސްދޭކަމެއް ކަމުގައެވެ. މަތީގައި މި ބަޔާންކުރި ވާހަކަ ތަކަކީ, ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ބޭނުންކޮށްގެން ހޯދާފައިވާ ހޯދުންތަކުގެ ނަތީޖާ އެވެ. ނަމަވެސް މި ވާހަކަތައް ވަނީ މި ޒަމާނުގައި ބޭނުންކުރަމުން މިދާ ޒަމާނީ ވަސީލަތްތައް ނެތް ދުވަސްވަރެއްގައި އެއްވެސް ތަޙްލީލުކުރުމެއްނެތި ބަޔާންކޮށްދެއްވާފައެވެ. މި ގޮތުން މި އުއްމަތުގެ މާތް ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ވަނީ، ކޮންމެ ހަފުތާއެއްގެ ވެސް ދެ ދުވަހު، އާދެ! ހޯމަ އާއި ބުރާސްފަތި ދުވަހު ރޯދައަށް ހުރުމަށް އިރުޝާދުދެއްވާފައެވެ. މި ކަމަށް މިއަދުގެ ސައިންސުވެރިންވެސް ވަނީ އެއްބަސްވެފައެވެ. އަދި ކޮންމެ މަހެއްގެ 13،14،15 މި ތިން ދުވަހު ރޯދައަށް ހުރުމަށްވެސް ކައުސާހިބާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ވަނީ އަންގަވާފައެވެ. މި ކަމަކީ ކުރިންވެސް ދެންނެވިފަދައިން މިއަދުގެ ސައިންސުވެރިން އެ ވިދާޅުވާ ހަށިގަނޑުގެ ދިފާޢީ ނިޒާމް ވަރުގަދަކޮށްދީ ކެންސަރުޖެހުމުން ދުރުކޮށްދޭ ކަމެކެވެ. ހަމަ މިއާއެކު ބައެއް ސައިންސުވެރިން ވަނީ ރޯދައަށް ހުންނަ ދުވަހަކު ދުވަހަކު، 12 ގަޑި އިރު ނުވަތަ 14 ގަޑިއިރު ރޯދައަށް ހުރުމަށް އިރުޝާދުދެއްވާފައެވެ. މި ކަމުގައި ފައިދާތަކެއް އެކުލެވިގެންވާކަން އެމީހުންނަށް މިއަދު ހާމަވިއަސް މިކަން ވަނީ މާކުރިން ﷲ ތަޢާލާ އަންގަވައިދެއްވާފައެވެ. އެހެނީ ފަޖުރުގެ ވަގުތުން ފަށައިގެން ރޯދަ ވީއްލުމާއި ދެމެދު 12 ނުވަތަ 14 ގަޑި އިރު ހުންނާނެއެވެ. يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿١٨٣﴾أَيَّامًا مَّعْدُودَاتٍ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۚ وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ ۖ فَمَن تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَّهُ ۚ وَأَن تَصُومُوا خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ ﴿١٨٤﴾ މާނައީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ. (183) ރޯދަހިފަންވީ عدد ކަނޑައެޅިގެންވާ ދުވަސްތަކެއް ގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (رمضان މަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ. އަދި އުނދަގޫކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށްއޮތީ، (ރޯދަ ދޫކޮށްލުމާއެކު) فدية ދިނުމެވެ. (فدية ގެ މިންވަރަކީ) مسكين އަކަށް ކާންދޭ މިންވަރެވެ. ފަހެ، تطوّع ގެ ގޮތުން އިތުރު ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަންތައް އެމީހަކަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނެ ނަމައެވެ.” (183) ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ މިކަން އަންގަވައިދެއްވާފައި ވުމުން ރޯދައަށް ހުރުމުގެ މާތްކަމާއި އަދި މި ކަމުގައި ހިމެނިފައިވާ ސިއްރުތަކެއް ވާކަން އެނގި ހާމަވެގެންދެއެވެ. އަދި ﷲ ތަޢާލާގެ ކުޅަދުންވަންތަކަން ހާމަވެގެން ދެއެވެ. އަދި އެކަލާނގެ ވަޙީ ބަސްފުޅުގެ ތެދުކަން ސާބިތުވެގެން ދެއެވެ.

  • މިއީ ލިޔުންތެރިންގެ ގުޅުމުން ނަގާފައިވާ ލިޔުމެކެވެ.