English Edition
Dhivehi Edition

އައްޑޫސިޓީގެ މޭޔަރަކަށް މިފަހަރުވެސް އަބްދުﷲ ސާދިގު (ސޯބެ) ހޮވައިފިއެވެ. މިއީ އައްޑޫސީޓީގެ މޭޔަރު ކަމަށް އޭނާ ހޮވި ވަޑައިގެންނެވި ތިންވަނަ ފަހަރެވެ. އޭނާ މޭޔަރަކަށް ހޮވި ވަޑައިގެންނެވީ ކައުންސިލަށް އަލަށް ހޮވި މެންބަރުން ހުވައި ކުރެއްވުމަށް ހިތަދޫ ޝަރަފުއްދީން ސްކޫލުގައި މިރޭ ބޭއްވި ރަސްމިއްޔާތަށްފަހު ކައުންސިލުން ބޭއްވި ރަސްމީ ފުރަތަމަ ބައްދަލު ވުމުގައެވެ. އޭނާ އެ މަގާމަށް ހޮވީ ކައުންސިލް މެންބަރުންގެ އިއްތިފާގުންނެވެ. މި ބައްދަލުވުމުގައިވަނީ އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރަކަށްވެސް ބޭފުޅަކު ހޮވައިފައެވެ. އެމަގާމަށް ހޮވީ ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލް މެންބަރ މުހައްމަދު ޔަސްރިފެވެ. އައްޑޫސިޓީ ކައުންސިލަށް މިފަހަރު ހޮވިވަޑައިގެންފައިވާ 7 ބޭފުޅުންގެ ތެރެއިން ތިން ބޭފުޅުންނަކީ މިދިޔަ ދައުރުގައިވެސް ކައުންސިލުގައި މަސައްކަތް ކުރެއްވި މެންބަރުންނެވެ. އެއީ ފޭދޫ ދާއިރާގެ މެންބަރު އަލީ ފަހުމީ މުހައްމަދާއި، ހިތަދޫ ދެކުނުދާއިރާގެ މެންބަރު މުހައްމަދު ޔަސްރިފާއި، އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސާދިގެވެ. އަލަށް ހޮވި ވަޑައިގެންނެވި 4 ބޭފުޅުންނަކީ ހިތަދޫ މެދުދާއިރާގެ ކައުންސިލް މެންބަރު ޖަމްޝީދާ މުހައްމަދާއި، ހުޅުދޫދާއިރާގެ ކައުންސިލް މެންބަރ އިބްރާހީމް ޝުކުރީއާއި، މީދޫ ދާއިރާގެ ކައުންސިލް މެންބަރު ޙުސައިން ޙިޔާޟް އާއި، މަރަދޫ ދާއިރާގެ ކައުންސިލް މެންބަރު ފައިސަލް އިބްރާހީމެވެ.