English Edition
Dhivehi Edition

އައްޑޫ ސިޓީގެ ބައެއް ސަރަހައްދު ތަކުން ކަރަންޓް ކަނޑަމުންދަނީ އިންޖީނަކަށް ދިމާވި މައްސަލަޔަކާއި ގުޅިގެންކަމަށާއި މައްސަލަ ހައްލު ކުރެވެންދެން މަތީ ލޯޑްނަގާ ކަރަންޓް ސާމާނު ބޭނުން ނުކުރުމަށް އެދޭކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއް އިންޖީނަށް މައްސަލަ ދިމާވުމުން އައްޑޫ ސިޓީއަށް ބޭނުންވާވަރަށް ކަރަންޓް ލޯޑް ނަގައި ނުދޭ ކަމުގައެވެ. އަދި އެހެން އިންޖީނުތަކުން ކަރަންޓް ދެމުން ގެންދާއިރު ބައެއް ސަރަހައްދު ތަކުން ކަރަންޓްގެ ހިދުމަތް ކަނޑަމުން ގެންދާ ކަމަށާއި މައްސަލަ ހައްލު ކުރެވެންދެން މަތީ ލޯޑްނަގާ ކަރަންޓް ސާމާނު ބޭނުން ނުކުރުމަށް އެދޭކަމަށްވެސް ނޫސް ބަޔާނުގައި ވެއެވެ.

އައްޑޫ މަރުކަޒީ އިންޖީނުގޭގެ ބައެއް އިންޖީނުތަކަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުން ގެންދާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދާ ޖަނަރޭޓަރަކަށް މައްސަލަ ދިމާވި ނަމަވެސް، އެހެން ޖަނަރޭޓަރުތައް ބޭނުން ކޮށްގެން އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކަށް ކަރަންޓް ފޯރުކޮށްދޭ ކަމަށް ފެނަކައިން ބުނެއެވެ.