English Edition
Dhivehi Edition

އައްޑޫސިޓީ ކައުންސިލަށް އަލަށް އިންތިޚާބު ކޮށްފައިވާ މެންބަރުން މިރޭ ހުވައި ކުރައްވައިފިއެވެ. މެންބަރުން ހުވައި ކުރެއްވީ ހިތަދޫ ޝަރަފުއްދީން ސްކޫލުގައި މިރޭ 10:00 ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި މެންބަރުންނަށް ހުވައި ލައިދެއްވީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް ގާޒީ މުހައްމަދު ހާޝިމެވެ. ހުވައި ކުރެއްވުމަށްފަހު ހުރިހާ ކައުންސިލަރުންވަނީ އިގުރާރުގައި ސޮއިވެސް ކުރައްވައިފައެވެ. އައްޑޫސިޓީގެ 3 ވަނަ ސިޓީ ކައުންސިލަށް އިންތިޚާބުކޮށްފައިވާ 7 ބޭފުޅުންވެސް މިރޭވަނީ މިރަސްމިއްޔާތުގައި ހުވައި ކުރައްވައިފައެވެ. އޭގެ ތެރޭގައި އަންހެން ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. އެއީ ހިތަދޫ މެދުދާއިރާގެ މެންބަރު ޖަމްޝީދާ މުހައްމަދެވެ. ކުރިން އައްޑޫސިޓީ ކައުންސިލުގައި ތިއްބެވީ 6 ބޭފުޅުންނެވެ. އެހެންނަމަވެސް މިފަހަރު ހުޅުދުއަށާއި މީދުއަށް ވަކިން ކައުންސިލަރުން އިންތިޚާބު ކުރުމުން އެ އަދަދުވަނީ 7 އަރައިފައެވެ. މިހާރު މެންބަރުން އިންތިޚާބުކޮށްފައިވަނީ ހިތަދޫ އުތުރު ދާއިރާއިން އަބްދުﷲ ސާދިގު، ހިތަދޫ މެދު ދާއިރާއިން ޖަމްޝީދާ މުހައްމަދު، ހިތަދޫ ދެކުނު ދާއިރާއިން މުހައްމަދު ޔަސްރިފް، މަރަދޫ ދާއިރާއިން ފައިސަލް އިބްރާހީމް، ފޭދޫ ދާއިރާއިން އަލީ ފަހުމީ މުހައްމަދު، ހުޅުދޫ ދާއިރައިން، އިބްރާހީމް ޝުކުރީ، މީދޫ ދާއިރާއިން ޙުސައިން ޙިޔާޟެވެ.