English Edition
Dhivehi Edition

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފޭދޫ ސްކޫލަށް ހަދިޔާކުރެއްވި ސްކޫލް ބަސް އައްޑޫއަށް ގެނައުމަށް މާލެއިން ފުރުވައިފިއެވެ.

އެމްޕީއެލްގެ ކްރާފްޓްގައި ރޭ އައްޑޫއަށް ފޮނުވި ބަހަކީ ފޭދޫގެ މަޖިލިސް މެމްބަރު އިބްރާހިމް ދީދީގެ އެހީތެރިކަމާއެކު ހަމަޖެހިގެން ދިޔަ ބަހެކެވެ.

“މިއީ ފޭދޫ ސްކޫލުގެ ޕީޓީއޭއާއި ބައްދަލުކުރި ދުވަހެއްގައި ޕީޓީއޭ ގެ ފަރާތުން ހުށަހެޅުއްވި ކަމެއް. ސްކޫލުގެ ދަރިވަރުން އެކިއެކި ކަންކަމުގައި ތަންތަނަށް ދާން ޖެހޭއިރު ދަތުރުތަކަށް ހިނގާ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ސްކޫލުގެ އަމިއްލަ ވެހިކަލެއް ހޯދުމުގެ ވާހަކަ އެބޭފުޅުން ހުށަހެޅުއްވި. އޭރު އައްޑޫގެ ދަތުރުފަތުުރުގައި ބޭނުންކުރާ ބަހުގެ ޚިދުމަތް ވެސް އެހާ ރަނގަޅަކަށް ފެށިފައެއް ނެތް. ބެލެނިވެރިންގެ އެ އެދިލެއްވުމަށް ކުރި މަސައްކަތުން ލިބިގެން ދިޔަ ބަހެއް މިއީ” މެމްބަރު އައިބީ ވިދާޅުވިއެވެ.

ޗައިނާގެ ސަފީރާއި ބައްދަލުކުރެއްވެވި ދުވަހެއްގައި މިކަމާ ބެހޭގޮތުން މެމްބަރު އައިބީ ސަފީރާއި ދެކެވުނު ވާހަކަތަކެއްގައި ފޭދޫ ސްކޫލަށް ބަހެއް ހަމަޖައްސަވައި ދެއްވަވާނެ ކަމަށް ސަފީރުވަނީ ވިދާޅުވެފައެވެ.

ގާތްގަނޑަކަށް 30 ކުދިންގެ ޖާގައިގެ މި ބަސް 2 ދުވަހެއްގެ ތެރޭގައި އައްޑޫއަށް އަންނާނެ ކަމަށް އައިބީ ވިދާޅުވިއެވެ

ފޭދޫ ސްކޫލުގެ ޕްރިންސިޕަލް އަލީ މުސްތަފާ ވިދާާޅުވީ މެމްބަރު އައިބީ އަކީ ފޭދޫ ސްކޫލަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދެއްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. އަދި މެމްބަރު އައިބީ އަކީ ފޭދޫ ސްކޫލުގެ ކުރިއެރުމަށް ލިބިގެން ދިޔަ ބާރެއް ކަމަށާއި އައިބީގެ އެހީތެރިކަމާއެކު ސްކޫލަށް ގިނަ ކުރިއެރުމާއި ހެޔޮ ބަދަލުތަކެއް ލިބިފައިވާ ކަމަށެވެ. އަދި މިފަހަރު ސްކޫލަށް ހަމަޖެހިގެން މިދިޔަ ބަހަކީ އައިބީގެ ބުރަ މަސައްކަތްފުޅު ކަމަށާއި މީގެ ސަބަބުން ފޭދޫ ސްކޫލްގެ ދަރިވަރުންނަށް އުފާވެރި މުސްތަގުބަލެއް ލިބިގެންދާނެ ކަމަށެވެ.

1 ކޮމެންޓް
ހަސަން
އޮކްޓޯބަރު 3, 2017
ވަކި ސްކޫލް އަަކަށް ބަސް ނުވަތަ އެހެން ވަސީލަތްތައް ފޯރުކޮށްދިނުމަކީ އެހާރަގަޅުކަމެއްކަމުގަ ނުދެކެން.