އައްޑޫސިޓީގެ 3 ވަނަ ސިޓީ ކައުންސިލަށް ހޮވިވަޑައިގެންނެވި ކައުންސިލަރުން މަގާމުގެ ހުވާކުރެއްވުން މި ރޭ 9:45 ގައި ޝަރަފުއްދީން ސްކޫލްގައި އޮންނާނެއެވެ. އާ ކައުންސިލަރުން ހުވައިކުރެއްވުމަށްފަހު ހުވައިގެ އިޤްރާރުގައި ސޮއި ކުރައްވާނެއެވެ. މިދަރުބާރަށްފަހު ބާއްވޭ ކައުންސިލްގެ މި ދައުރުގެ ފުރަތަމަ ބައްދަލުވުމުގައި މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ މަގާމަށް ބޭފުޅުން ހޮވުން އޮންނާނެއެވެ. އައްޑޫ ސިޓީ ކައުންސިލަށް 7 ބޭފުޅަކު ހޮވިވަޑައިގެންނެވިއިރު މިއީ ފުރަތަމަ ފަހަރަށް މި ކައުންސިލަށް އަންހެން ބޭފުޅަކު ހޮވިވަޑައިގެންނެވި ފަހަރެވެ. މީގެ ކުރިން ކައުންސިލްގައި ތިއްބަވަނީ 6 ބޭފުޅުންނެވެ. އެއީ ހިތަދޫ އުތުރު ދާއިރާ، ހިތަދޫ މެދު ދާއިރާ، ހިތަދޫ ދެކުނު ދާއިރާ، މަރަދޫ ދާއިރާ، ފޭދޫ ދާއިރާ އަދި ހުޅުމީދޫ ދާއިރާގެ މެމްބަރުންނެވެ. ނަމަވެސް މިފަހަރު ހުޅުދޫ އަދި މީދޫ ވަކި ދެ ދާއިރާއެއްގެ ގޮތުގައި ދެ ކައުންސިލަރުންވަނީ އިންތިޚާބުވެފައެވެ. ކައުންސިލް ހުވައި ކުރުމުގެ ރަސްމިއްޔާތު މިރޭ ބާއްވާއިރު އިންތިޚާބު ކާމިޔާބުކުރި ކެންޑިޑޭޓުން މިއަދު ހުވާކުރަން ވަނީ ފަށައިފައެވެ. ބައެއް ރަށު ކައުންސިލްތަކުގެ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު މިހާރު ވަނީ ނިމިފަ އެވެ. އަނެއް ބައި ކައުންސިލްތަކުގެ ހުވާކުރުން އޮތީ މިރެ އެވެ. ތިން ސިޓީ ކައުންސިލް ކަމަށްވާ މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލް އަދި ފުވައްމުލަކު ސިޓީ ކައުންސިލަށް ހޮވާފައިވާ ކެންޑިޑޭޓުން ވެސް ހުވާ ކުރާނީ މިރެ އެވެ. މިދިޔަ މަހުގެ ހަވަނަ ދުވަހު ބޭއްވި ލޯކަލް އިންތިޚާބުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް 655 ކައުންސިލަރުން ވަނީ އިންތިޚާބުކޮށްފަ އެވެ. މި ފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 255،987 މީހަކަށް ލިބުނުއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ގައި 1،497 ކެންޑިޑޭޓުން ވާދަ ކުރި އެވެ.