މާލޭގައި މިހާރު ހިންގަމުން ގެންދާ މާރާމާރީއާއި ރޭވިގެން ހިންގާ ކުށްތައް ކުރާ ފަރާތްތައް ފިލުވައި، އެފަރާތްތަކަށް އެހީތެރިވެދީ، ފުލުހުންނަށް އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރަމުންދާކަމަށާއި އެފަދަ ކުށްވެރިން ފިލަން އެހީތެރިވެދޭ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ދެއްވައިފިއެވެ.
ޕޮލިސް ސަރވިސް އިން އިއްޔެ ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ މާރާމާރީ ހިންގާ ފަރާތްތައް ފިލުވައި، އެފަރާތްތަކަށް އެހީތެރިވެދީ، ފުލުހުންނަށް އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުުން ބޮޑެތި ކުށްތައް ކުރުމަށްފަހު ގޭބީސީތަކާއި ކުށްޔަށްދޭ ތަންތަނުގައި ފިލައިގެން އުޅޭތީ، އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ. އަދި މިފަދަ ފަރާތްތަކަށް އެހީތެރިވާ ފަރާތްތަކުގެ މައްސަލަތައް ބަލާ، އެފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނޭކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.
ފުލުހުންގެ ބަޔާނުގައި ނުރައްކާތެރި ކުށްތައް ކުރާ ފަރާތްތައް ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމުގެ ޔަޤީންކަން އަރުވާފައިވެއެވެ. އަދި ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭގޮތަށް ހިންގާ މިފަދަ އަމަލުތައް ހުއްޓުވުމަށް ފުލުހުންނަށް ލިބިފައިވާ އެންމެހާ ވަސީލަތްތައް، އޭގެ އެންމެ މަތީ ދަރަޖައަށް ބޭނުންކުރާނެކަމަށްވެސް ފުލުހުން ނެރުއްވި ބަޔާނުގައިވެއެވެ.
ފަހަކަށް އައިސް ގްރޫޕް މާރާމާރީތައް އިތުރުވެފައި ވާއިރު އިއްޔެ ރޭ ހުޅުމާލޭގައި ވަނީ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލާފައެވެ. މިއީ މި ހަފްތާގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ދެވަނަ މީހާ އެވެ. އަދި ދެމަސް ދުވަސް ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ހަތަރު ވަނަ މީހާއެވެ.