English Edition
Dhivehi Edition
އާކައުންސިލު ބައްދަލުވުން/ފޮޓޯއައްޑޫ ކައުންސިލް އިދާރާ

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް ސަރަޙައްދުން ނަގާފައިވާ 42 ގޯތްޗެއްގެ މައްސަލަ ބަލައި އެކަމަށް ޢަދުލުވެރި ނިންމުމެއް ގެނައުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލަން އައްޑޫސިޓީ ކައުންސިލުން ނިންމައިފިއެވެ.

ކައުންސިލުން މިގޮތަށް ނިންމީ ރޭ ބޭއްވި އައްޑޫސިޓީ ކައުންސިލްގެ މިދައުރުގެ 3 ވަނަ ކުއްލި ޖަލްސާއަށް މިމައްސަލަ ހުށަހެޅި ފާސްވެގެންނެވެ. ކައުންސިލްގެ ފޭސްބުކް ޕޭޖުން ވަގުތުން ދުރަށް ދެއްކި އެ ޖަލްސާގައި ހިތަދޫ ކޮރޮވައު ދާއިރާގެ ކައުންސިލަރ ޝިނާޒް އިބްރާހިމް މޫސާ ވަނީ 2021 ޖުލައި 11 ވަނަ ދުވަހު ކައުންސިލުން ނިންމި ގޯތި ނެގުމާއި ގުޅޭ މައްސަލަ ނިމުމަކަށް ގެނައުމަށްއެދި ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ. މިމައްސަލަ ހުށަހަޅުއްވަމުން ޝިނާޒު ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ލާމަރުކަޒީ ޤާނޫނުގެ 39 ވަނަ މާއްދާއިން ކައުންސިލްގެ ބާރުތައް ބޭނުންކުރުމުގައި ރައްޔިތުންގެ މަޝްވަރާ ހޯދުމަށް އޮންނަ އޮތުމަށް ރިޢާޔަތް ކޮށް މިކަމުގައި ކައުންސިލުން ރައްޔިތުންގެ މަޝްވަރާހޯދާފައިނުވާކަން ފާހަގަ ކުރެއްވިއެވެ. ޝިނާޒު ހުށަހެޅުއްވި މި މައްސަލައާއި ގުޅިގެން ރަސްގެދަރު ދާއިރާގެ ކައުންސިލަރ ޙުސެއިން ޒަރީރާއި މާމެންދޫ ދާއިރާގެ ކައުންސިލަރ އާމިނަތު އަދާލާ ރަޝީދު ވަނީ 2 ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. އޭގެތެރެއިން ޖަލްސާގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވީ ކައުންސިލަރ ޒަރީރު ހުށަހެޅުއްވި ހުށަހެޅުމެވެ.

ޒަރީރުގެ ހުށަހެޅުމަކީ ގޯތި ނެގުމުގެ މިމައްސަލަ އަލުން ބެލުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލުމަށާއި އެކޮމިޓީގައި ކައުންސިލް އިދާރާގެ ލީގަލް އޮފިސަރ ޢަބްދުﷲ އިޙުސާންއާއި ހިތަދޫ އަވަށު އޮފީހުގެ ކައުންސިލް އެގްޒެކެޓިވް ނޫރާ ޖަލީލާއި ކައުންސިލް އިދާރާގެ ޕްރޮޖެކްޓް ސެކްޝަންގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް މަރްޔަމް އަޒްލީމާއާއި ކައުންސިލް އިދާރާގެ ޕްލޭނިން ސެކްޝަންގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް މުޙައްމަދު ލުތުފީގެ އިތުރުން ފޭދޫ އަވަށު އޮފީހުގެ ކައުންސިލް އެގްޒެކެޓިވް ޙަސަން ޒަރީރު ހިމަނައިގެން ކޮމިޓީ އެކުލަވާލުމަށެވެ. ޒަރީރުގެ ހުށަހެޅުމުގައި އެކޮމިޓީން ގޯތި ނެގުނު 42 ފަރާތާއި އަދި މިމައްސަލައާއި ގުޅުންހުރި ހުރިހާ ފަރާތްތަކާ ބައްދަލުކޮށް މިކަމަށް ގޮތެއް ނިންމުމުގައި އެބޭފުޅުންގެ މަޝްވަރާއާއި ލަފާ ހޯއްދެވުމަށްފަހު 15 ދުވަހުގެ ތެރޭ މައްސަލައާއި ގުޅޭ ތަފްސީލީ ރިޕޯޓެއް އެކުލަވާލުމަށް ހުށަހަޅާފައިވެއެވެ.

ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވީ މިމައްސަލައަކީ ޤާނޫނީ އިމުގެ ތެރެއިން ނިންމުނު ނިންމުމެއް ކަމަށާއި 10 ކައުންސިލަރުން ގެ ތާއީދާއެކު ފާސްވެފައިވާ އެނިންމުން ބަދަލު ކުރުމުގެ ބާރުވެސް އޮތީ ހަމަ ކައުންސިލަރުންގެ އަތްމަތީގައި ކަމަށެވެ. އާކައުންސިލްގެ ވަރަށް ޅަފަތުގައި މިނިންމުން ނިންމަން ޖެހުމުން އެކަމުގެތެރޭ ދަތިތަކަކާއި ޢާއްމުންގެ ކަންބޮޑުވުން އޮތްކަމަށާއި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިކަން ފާހަގަ ކުރައްވާފައިވެއެވެ.

ޕަބްލިކް ޕްރެޝަރ ތެބިހިއް މިކަމި. އިއްތިފާގުންފެހޭއަސް އެސަރަޙައްދުން ކުރީގެ ކައުންސިލުން ގެވަޑަ ދެރަފެއި ތިބި ފަރާއްތަކި އެތެރެ ނުފޫޒު ގަދަ ފާއިސާވެރިން ތެބެ ހިމެނެއި. ވިޔަފާރިވެރިންގެ ބިންތައް ގިނައި. އަދި އެތަނި އޮއް 19 ބިމައް ގުރުއަތަކާއި ނިލާއި ސީދާ ކައުންސިލްގެ މެމޯތަކުން ދެރަފެއި އޮތީ.އޭގެ އެތެރުނަސް 4 ބިމައް އޮތީ ގާނޫނީ އިޖުރާއު ތަކަސް ފުރިހަމަ ނިވެ. އެހެންވީމެއި މިވާހަކަ ނިދައްކައިއަސް ނެއް ވޭކައް. އަދި އެހެނާއުކޭފެއި މިބިން ތަކި ފަހަތުން ދިވަދިވައި ތިބެ ދައުރު ނިންމާކަށަސް ބޭނުމައް ނުން. ” މޭޔަރ ޢަލީ ނިޒާރު ވިދާޅުވިއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުން އާންމުންނަށް ދޫކޮށްފައި ވާ ގޯތިތަކެއް އެ ސަރަހައްދުން ނަގައި އެހެން ސަރަހައްދަކަށް ބަދަލުކުރުމުގައި މައްސަލައެއް ނެތް ކަމަށް އޭރު ދަޢުވާ ކުރި 7 ފަރާތަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރިންވަނީ ހުކުމްކޮށްފައެވެ. އެހެންނަމަވެސް ހަމަ އެމައްސަލާގައި ފަހުން ދަޢުވާ ކުރި ފަރާތްތަކުގެ އަޑު އެހުމުގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ބިންތައް ނެގުމަށް ކައުންސިލުން ނެރެފައިވާ އިއުލާނަކީ ބާތިލު އިޢުލާނެއް ކަމަށް ނިންމަވާފައެވެ.