English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުމީދޫ ފަޔަރ ސްޓޭޝަނަށް އޮގްޒިލަރީ ފަޔަރމަނުން ހޯދުމަށް އިއުލާންކޮށްފިއެވެ.

މިނިސްޓްރީ އޮފް ޑިފެންސް އިން މިއަދު ކުރި އިއުލާނެއްގައި ވަނީ އެމް.އެން.ޑީ.އެފްގެ ރީޖަނަލް ފަޔަރ ސްޓޭޝަނަށް(ހުޅުމީދޫ ފަޔަރ ސްޓޭޝަނަށް) ކޮންޓްރެކްޓް އުސޫލުން 06 އޮގްޒިލަރީ ފަޔަރމަނުން ބޭނުންވާކަމަށެވެ.

މި މާގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޢުމުރުން 18 އަހަރުފުރި 35 އަހަރު ނުފުރޭ މީހެއްކަމުގައިވުން ހިމެނެއެވެ. މީގެއިތުރުން ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުމާއެކު އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިންދޭ ޢިލްމީ އަދި ޢަމަލީ އިމްތިޙާނުންނާއި، މެޑިކަލް ޓެސްޓުން ފާސްވުން ހިމެނެއެވެ. އަދި އިސްކޮޅު 5 ފޫޓް 5 އިންޗި ހުރުމާއި، ޖިސްމާނީ/ނަފްސާނީ ގޮތުން ފުރިހަމަ ޞިއްޙަތެއްގައިވާ މީހަކު ކަމުގައިވުން ހިމެނެއެވެ. މި ވަޒީފާއަށް މީހުން ހޮވުމުގައި އެރަށެއްގައި ރަށްވެހިންނަށާއި، މިފަދަ މަސައްކަތުގެ ތަޖުރިބާއާއި ޓްރޭނިންގ ލިބިފައިވާ މީހުންނަށް އިސްކަންދެވޭނެކަމަށް މި އިއުލާނުގައިވަނީ ބުނެފައެވެ.

މި ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުގެ ތެރޭގައި އެކިއެކި ޙާދިޘާ ތަކުގައާއި، ދިމާވާ ނުރައްކާތެރި ކަންކަމުގައި ރައްޔިތުންނާއި ގޯތިގެދޮރާއި މުދާ ސަލާމަތްކުރުމާއި، އަލިފާނުގެ ޙާދިޘާތައް ހިނގިޔަ ނުދިނުމަށް ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެހީތެރިވެދިނުމުގެ މަސައްކަތް ޢަމަލީގޮތުން ކުރުން ހިމެނެއެވެ. މީގެއިތުރުން އިމަޖެންސީ ހާލަތްތަކުގައި އުސްތަންތަނަށް އަރާއުޅެންޖެހުމާއި، ނުރައްކާތެރި ތަންތަނަށް ވަންނަންޖެހުމާއި، އަދި ނުރައްކާތެރި ތަކެތި އުފުލާ ގެންގުޅުމުގެ އިތުރުން ތަކެތި ނައްތާލަންޖެހުންވެސް ހިމެނެއެވެ.

މި ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖެހުމަށްފަހު 2021 އޮގަސްޓު 29 ވާ އާދީއްތަ ދުވަހު 12.00 ގެ ކުރިން ޑިފެންސް މިނިސްޓްރީއަށް ސިޓީ ފޮނުވުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ. އަދި މިނިސްޓްރީއަށް ފޮނުވާ ސިޓީތައް ބަލައިގަންނާނީ އީ-މެއިލް މެދުވެރިކޮށް ކަމަށް މި އިއުލާނުގައި ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ހުޅުމީދޫގައި ޢިމާރާތްކޮށްފައިވާ ފަޔަރ ސްޓޭޝަން ރަސްމީކޮށް ހުޅުވާފައިވަނީ 6 އެޕްރީލް 2021 ގައެވެ.


https://www.gazette.gov.mv/iulaan/print/159796

އީ-މެއިލް އެޑްރެސް [email protected]

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވާ!