English Edition
Dhivehi Edition

ބަރަހަނާ ފިލްމުތަކެއް ހަދަމުންދާ މައްސަލައެއްގެ ތުހުމަތުގައި ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ހައްޔަަރުކުރުމާއި ގުޅިގެން ޝިލްޕާ ވަނީ އޭނަގެ ޝޫޓިންތައް ކެންސަލްކޮށްފައެވެ.

މި ގޮތުން ސޮނީ ޓީވީގެ ކުޑަކުދިންގެ ޑާންސް ޝޯ “ސުޕަ ޑާންސާ” ގެ ހަތަރު ވަނަ ސީޒަންގެ ޝޫޓިންވެސް އޭނާ ހުއްޓާލާފައިވާއިރު އެ ޝޯގައި ޝިލްޕާގެ ބަދަލުގައި ރަވީނާ ޓަންޑަން ގެންނަން ޝޯގެ ޕްރޮޑެކްޝަން ޓީމުން ވަނީ މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް ރަވީނާ ވަނީ މިކަމަށް އިންކާރުކޮށް އެ ހުށަހެޅުމުން ގަބޫލުނުކޮށް ދޫކޮށްލައިފައެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ސޮނީން ރަވީނާ އަށް ދިން ފުރުސަތު ގަބޫލުނުކުރީ ޝިލްޕާއާ އޮންނަ ގާތް ކަމެއްގެ ސަބަބުންނެވެ. ރަވީނާއަށް ލިބުނު ފުރުސަތު ދޫކޮށްލުމަށްފަހު އޭނާ ވަނީ ޝޯގެ މައި އެއް ތަނބަކީ ޝިލްޕާ ކަމަށާއި އޭނާގެ މަގާމަށް ދާން ބޭނުން ނުވާ ކަން ހާމަކޮށްފައެވެ.

އަނޫރާގް ބާސޫ އާއި ގީތާ ކަޕޫރާ އެކު ސުޕަ ޑާންސަރ ގައި ޖަޖެއްގެ ރޯލުން ފެނިގެންދާ ޝިލްޕާ މި ޝޯ ހުއްޓާލާފައިވާއިރު، މި ދުވަސްކޮޅު އޭނާ ވަނީ ސޯޝަލްމީޑިއާ އާއި ވެސް ދުރަށް ޖެހިލާފައެވެ.

ބަރަހަނާ ފިލްމުތަކެއް ހަދައި އެ އެއްޗެހި މޮބައިލް ޕްލެޓްފޯމެއްގައި ދައުރުކުރަމުންދާ ކަމުގެ ތުހުމަތުގައި ރާޖް ހައްޔަރުކޮށްފައިވާއިރު މި ކަމުގެ ސަބަބުން ޝިލްޕާއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.