English Edition
Dhivehi Edition

ޒަމާނުއްސުރެ ދިވެހިންނަކީ އުފެއްދުންތެރިކަމުގައި އަރަމުން އަންނަ ފަންނާނީ ބަޔެއްކަން މިހާރުވެސް އަންނަނީ ދައްކުވައިދެމުންނެވެ. އެގޮތުން ބަލާލާއިރު ރާއްޖެއަށް ކޮވިޑް-19 ފެތުރެން ފެށިފަހުން ދިވެއްސަކު މިވަނީ ވެންޓިލޭޓަރެއްވެސް އުފައްދާފައެވެ.

ހަމައެގޮތަށް ށ.ކަނޑިތީމަށް އުފަން ބޭފުޅެއް ކަމަށްވާ ހުސައިން ރާޝިދު މިވަނީ ދިވެހިންގެ މަސައްކަތްތެރިކަމަށް އިތުރު ފަސޭހައެއް ގެނެސްދިނުމަށްޓަކައި އާ ވައްތަރެއްގެ ހުނި ގާނާ މެޝިނެއް އުފައްދާފައެވެ. ކަރަންޓު ފަހާފޮއްޓެއް ބޭނުންކޮށްގެން ހަދާފައިވާ ހުނިގާނާ މެށިނުން ހުނި ގާނާގޮތް ރާޝިދުވަނީ ވީޑިއޯކޮށް މީސްމީޑިޔާއަށް އެވީޑިޔޯ އާއްމުކޮށްފައެވެ.

ޓެސްޓިން ބުރެއްކަމަށް ބުނެ ފޭސްބުކަށް ދޫކޮށްލައިފައިވާ އެޕޯސްޓުން ފެނިގެންދަނީ ފަސޭހަކަމާ، އަވަސް ކަމާއެކު ފަހާފޮއްޓަކުން ހުނި ގާނަމުންދާ މަންޒަރެވެ. ހުނިގާނާ ތިލައެއް ހަރުކޮށްފައި ހުންނައިރު ކަރަންޓުން ފަސޭހަކަމާއެކު ހުނިގާނާލެވޭ މަންޒަރު ފެނިގެންދާ ވީޑިޔޯއަށް އާންމުންގެ ޝައުޤުވެރިކަން ދަނީ އިތުރުވަމުންނެވެ.

ހުސައިން ބުނާގޮތުގައި މިފަދަ މެޝިނެއް ހެދުމަށް ޝައުޤުވެރިކަން އުފެދިގެން އައީ އެއްލާލާފައި އޮތް ފަހާފޮއްޓެއް ފެނިގެންކަމަށެވެ. އޭގެ ބޭނުން އަދިވެސް ހިފިދާނެ ކަމަށް ވިސްނާފައި ހުނިގާނާ ތިލައެއް ހަރުކޮށްފައި އޭގެން ހުނިގޭނޭތޯ ބަލާލީ ކަމަށެވެ.

“ވަރަށް ކުރިންސުރެ ވެސް ވިސްނަށް ގޭތެރޭގައި އުޅޭ މީހުންނަށް ފަސޭހަވާނެ އެއްޗެއް ހަދާލަން. ކަރަންޓު ހުނިގޮނޑިއެއް ހަދައިދޭން. ދެން ތީ ހަމަ ހަލާކުވެގެން އެއްލާލަން ބާއްވާފައި އޮތް ފަހާފޮއްޓެއް. އޭގެ ބޭނުން ކުރާނެ ގޮތަކާ ދޭތެރޭ ވިސްނަނިކޮށް ހިތަށް އެރީ މިހެން ހަމަ ބޭނުން ކުރެވޭތޯ ބަލަން” ހުސައިން ރާޝިދު މީޑިޔާއަށް މައުލޫމާތުދީފައިވެއެވެ.

މީސްމީޑިޔާގައި ދައުރުވަމުންދާ މިވީޑިޔޯއަށް ވަރަށް ގިނަ މީހުން ތަރުހީބު ދީފައިވާ ކަމަށް ހުސައިން ބުނެފައިވެއެވެ.

ހުސައިން ރާޝިދު އުފެއްދި ހުނިގާނާ މެޝިނުން ހުނިގާނާއިރު އާދައިގެ ހުނި ގޮނޑިއަކަށް ވުރެ އެތައް ގުނައެއް ފަސޭހަވެ ވަގުތު ސަލާމަތްވާނެއެވެ. ވަކިން ހާއްސަކޮށް ކޮންމެ އަހަރެއްގެވެސް ރޯދަމަހާ ކައިރިވުމުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ދިވެހި ހަވާދު އުފެއްދުމަކީ އަދިވެސް ދިވެހިންގެ ސަޤާފީ މަސައްކަތެކެވެ. އެހެންކަމުން ހުސައިންގެ މިއުފެއްދުމަކީ ދިވެހި އަންހެންވެރިންނަށް ވަރަށް ބޭނުންތެރި އެއްޗަކަށް ވާނެއެވެ.