ދިވެހީންނަކީ ޒަމާނީ އާ އުފެއްދުންތަކަށް އަބަދުވެސް ލޯބިކުރާ ބައެކެވެ. ދުނިޔޭގެ ނިސްބަތުން މީސްކޮޅު މަދަސް ދުނިޔޭގައި ކުރާ އައު އީޖާދުތަކުގެ އަޖުމަ ބަލައި، އޭގެ ބޭނުން ހިފާ އެންމެ ކުރީގައި އެހޯދާ ބައެކެވެ. އެގޮތުން ސޯޝަލްމީޑިއާގެ އެކިއެކި ޕްލެޓު ފޯމްތަކަކީ ދިވެހިންނާއި ވަރަށް ދޯޅު އެއްޗެކެވެ. ހެނދުނު ހޭލާ އެންމެ ފުރަތަމަ ޓުވީޓެއް ކޮށްލުމާއި, ނިދުމުގެ ކުރިން, ފޭސްބުކުގައި ސްޓޭޓަސްއެއް ޖަހާލައި އެމީހާއާއި ގުޅުންހުރި ފަރާތްތަކުގެ މައުލޫމާތު ހޯދާލައި, ހެދުމަކީ މިހާރު އެންމެންގެހެންވެސް އާދައެކެވެ. އޮފީސްތަކުގެ ނޫސްބަޔާންތަކުން ފެށިގެން މުހިއްމު އިއުލާންތަކާއި, ވިޔަފާރި ކުންފުނި ތަކުގެ އިސްތިހާރު ކުރުމުގައިވެސް މިހާރުމިވަނީ ސޯޝަލް މީޑިއާގެ އެކިއެކި ފޯރަމްތަކުގެ ބާރު މާގަދަކޮށްލާ ފައެވެ.
ގައުމާއި ރަށުގެ އެކި އެކި ހާލަތްތަކުގެ އަޑު އިއްވައި, ވެރިންގެ ކަންފަތާއި ހަމަޔަށް ގެންދަންވެސް އެންމެ ފަސޭހަ އެއް ވަޞީލަތަކަށް ސޯޝަލް މިޑިއާ ވެފައިވާއިރު, ރަށުގެ މަގުބައްތި ނުދިއްލުމުން ފޮޓޯއެއް ނަގާފައި، ކައުންސިލަށް ޓެގުކޮށްލުމުން އެކަމަށް ހައްލު ލިބޭހާވެސް ވަރުގަދައެވެ.އެހެންކަމުން ސަރުކާރު ޒިންމާދާރު ކުރުމުގައިވެސް އެންމެ ބޮޑު ނުފޫޒެއް ފޯރުވާ އެކައްޗަކީ ސޯޝަލް މީޑިއާ ކަމަށް މިހާރުމިވަނީ ބަދަލުވާން ފަށާފައެވެ.
ދުނިޔެއާއި، ގައުމުތަކުގައި ހުރިހާ މައުލޫމާތުތައްވެސް އާންމުންނާއި ހަމަޔަށް ފޯރުކޮށްދޭ އެންމެ ވަރުގަދަ ހަތިޔާރަކަށް ވެފައިވަނީ މިދެންނެވި ޕުލެޓުފޯމްތަކެވެ. އާއިލާ މީހަކަށް ތަހުނިޔާގެ މެސެޖެއްކޮށްލަންވެސް މިހާރު ލިޔެލާނީ ފޭސްބުކު ނުވަތަ ޓުވިޓާއިންނެވެ.
މިއަހަރުގެ ކުރީކޮޅު މުޅިދުނިޔެއަށް ތައާރަފްވި ކުލަބު ހައުސްއަކީ މީގެ ޒަމާންތަކެއް ކުރިން ދިވެހި މުޖުތަމައުގައި މިހާ އަޑުގަދަ އެއްޗަކަށްނުވެއެވެ. މީގެ ދެހަފުތާއެއް ކުރިން ފެށިގެން ރާއްޖޭގައި، ޚާއްސަކޮށް ދެކުނު އަތޮޅުތަކުގައި އެންމެ ވައިގައި ހިފާފައިވަނީ ކުލަބުހައުސްއެވެ. ކުރިން ވައިބާގައި ކުދި ކުދި ގުރޫޕްތައް ހަދައިގެން މީހުން ލިޔެގެން ކުރަމުން އައި މަޝްވަރާތައް މިހާރުވަނީ ސީދާ އަޑުން އެހެން މީހުނަށް އިއްވައި ދިނުމުގެ ވަރަށް ފަސޭހަ ގޮތެއް ފަހި ވެފައެވެ. ކުލަބު ހައުސް ވުޖޫދުވިތާ ދުވަސްތަކެއް ވިޔަސް އަޅުގަނޑުމެންގެ މިސަރަހައްދުގައި ކުލަބު ހައުސްގެ ނުފޫޒު ވަރަށްގަދަ ވެއްޖެއެވެ.
ހުސްވަގުތެއް ލިބިއްޖެއްޔާ މީގެ އެކިއެކި ގުރޫޕްތަކަށް ވަނދެލަމެވެ. އަމިއްލަޔަށް ކުރެވުނު ތަޖުރިބާއަކީ، ކުލަބުހައުސްގެ ބޭނުން ރަގަޅުގޮތުގައި އެންމެންވެސް ހިފަމުންދާ ތަނެވެ. ތިމާގެ ރަށުގެ ހާލަތާއި، ގައުމުގެ ހާލަތާއި ބެހޭގޮތުން ބިނާކުރުވަނިވި ފާޑު ކިޔުންތަކުގެ އަޑުއިވެއެވެ. ތަފާތު އެކި އެކި ދާއިރާތަކަށް އަމާޒުކޮށްގެން ބާއްވާ ސެޝަންތަކާއި،މުނިފޫހި ފިލުވައިލާ އޮޅި އޮޅިތަކެވެ.
މީގެ އެންމެ ހިއްގައިމު އެއްކަމަކީ، އެކުލަބެއްގައި އެކުލަބެއް އިންތިޒާމުކުރާ ފަރާތުގެ އަމިއްލަ ބަހުރުވައިން އެއޮޅިތަކުގައި ވާހަކަ ދައްކާތީއެވެ. އަދި ކުރެވޭ މަޝްވަރާތަކުގައި، އެއްޗެއް ބުނެލަން ފުރުސަތަކަށް އެދޭ މީހުނަށް އެފުރުސަތު ލިބުމަކީވެސް މީގައި ހިމެނޭ ޚާއްސަ ސިފައެކެވެ.
ކޮންމެއަކަސް ކުލަބު ހައުސްގައި ދެކުނުގެ އަޑު ވަރަށް ގަދަކޮށްލައިފިއެވެ. ތަފާތު އެކިއެކި ފަންތީގެ އަދި ގިންތީގެ މީހުންގެ އަޑުތަކާއި, މައުލޫމާތު ހިއްސާކުރެވެމުން ދާއިރު,އަދިވެސް މިތަނުން ޕޮލިސީލެވެލްގެ މީހުން ފެނުން މަދު ކަމަށް ބައެއް ފޯރަމްތަކުގައި ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް މި މަޝްވަރާކުރުންތަކުގެ ތެރޭގައި ސިޔާސީ މީހުނަށާއި, ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅާ މީހުނަށްވެސް އެހީތެރިކަން ލިބި ފައިދާކުރުވަނިވި މައުލޫމާތުތައް އެކިއެކި ފޯރަމްތަކުން ލިބޭނެއެވެ.
ރޭގެ ވަގުތެއްގައި ޓެކްނިއުސްގެ ފަރާތުން ކުރިއަށް ގެންދިޔަ ‘ދިވެހިންނާއި ކްލަބްހައުސް’ ހޯސްޓް/މޮޑަރޭޓް ކޮށްދެއްވަމުން ލޮޓީފައިލްސްގެ އެއް ފައުންޑަރު ނައްޓު (ނަސްރު) އަދްނާން އަދި ޕެނަލިސްޓުންގެ ތެރޭގައި ހިމެނުނު ޓެކްނިކަލް އަދި އައިސީޓީގެ ތަޖުރިބާކާރުން ވަނީ މި ޕްލެޓްފޯމް ރަނގަޅުގޮތުގައި ބޭނުން ކުރުމަށް ނަސޭހަތްތެރިވެ ތަފާތު ޚިޔާލުތައް ހިއްސާކޮށްފައެވެ. މިގޮތުން, ވަގުތު ބޭކާރުނުކުރުމާއި ‘ބާން އައުޓް’ވާ ގޮތަށް އެޕް ބޭނުން ނުކުރުމަށް ހުރިހަ ބޭފުޅުންވެސް ނަސޭހަތްތެރިވިއެވެ. ޕެނަލިސްޓުންގެ ތެރެއިން އާމިނަތު އަލީ އާއިޝާފިއު ޖަމީލް ފަދަ ބޭފުޅުން ފާހަގަ ކުރެއްވި ގޮތުގައި ވަރަށް ތަފާތު އާކަންތައް މިޕްލެޓްފޯމު ބޭނުންކޮށްގެން ކުރެވޭނެ ކަމަށް ފެންނަ ކަމަށެވެ. އެގޮތުން ކިޔަވައި ދިނުމާއި ތަފާތު ބައްދަލުވުންތައް ބޭއްވިގެން ދާނެކަމަށް ފެންނަ ކަމަށްވެއެވެ. ނައްޓު އަދުނާނު ފާހަގަ ކުރެއްވި ގޮތުގައި ޓެކްނޮލޮޖީގެ ހުރިހާ ވަޞީލަތްތައްވެސް ބޭނުން ކުރާއިރު އޭގެ ރަގަޅާއި,ނުބައި އެނގިގެން ބޭނުން ކުރުން ވަރަށް މުހިއްމެވެ. އެގޮތުން މީހާގެ ދިރިއުޅުމަށާއި, އަމިއްލަ ނަފުސަށް ގެއްލުން ނުވާނެހެން ބޭނުންކުރުމާއި, ގިނައިރު ހުންނަ ކަމަށް ވަންޏާ ފެންތަށްޓެއް ހިފައިގެން ހުރުމާއި, ދޭތެރެއިން ބުރެކްނެގުން މުހިއްމުކަމަށެވެ.